
ޗައިނާ، އިންޑިއާ އަދި ރަޝިއާއިން މިޔަންމާއަށް ރެސްކިއު ގްރޫޕްތައް ފޮނުވައިފި
# މިޔަންމާ - ތައިލެންޑު ބިންހެލުން--
މިޔަންމާއައަށް އިއްޔެ އައި ބާރެުގަދަ ބިންހެލުމުގައި ލިބުނު ގެއްލުންތަކަށާއި މީހުން ހޯދުމަށް ކުރަން ޖެހޭ ރެސްކިއު މަސައްކަތްތަކަށް އެހީތެރިވުމަށް ތިން ގައުމަކުން މިޔަންމާއަށް ރެސްކިއު ޓީމްތައް ފޮނުވައިފި އެވެ.

އެގޮތުން މިޔަންމާއަށް ރެސްކިއު ޓީމްތައް ފޮނުވި ގައުމުތަކުގެ ތެރޭގައި ހިމެނެނީ އިންޑިއާ, ރަޝިޔާ އަދި ޗައިނާއެވެ.
ޗައިނާގެ ރަސްމީ ޒިންހުއާ ނިއުސް އެޖެންސީން ރިޕޯޓުކުރާ ގޮތުގައި ޔުނާން ޕްރޮވިންސްގެ 37 މެމްބަރުންގެ ޓީމެއް ބިންހެލުން ޑިޓެކްޓަރުތަކާއި ޑްރޯންތަކާއި އެހެނިހެން ސާމާނު ހިފައިގެން މިއަދު ވަނީ މިޔަންމާއަށް ގޮސްފައި އެވެ. އަދި ޗައިނާގެ އިމަޖެންސީ މެނޭޖްމަންޓް މިނިސްޓްރީން ބުނީ ބެއިޖިންއިން ވެސް މިޔަންމާއަށް 82 މީހުންގެ ޓީމެއް ފޮނުވާފައިވާ ކަމަށެވެ.ރަޝިއާގެ އިމަޖެންސީ މިނިސްޓްރީގެ120 މީހުންނާއި ސާމާނު ހިފައިގެން ދެ މަތިންދާ ބޯޓެއް ފޮނުވާފައިވާ ކަމަށް ރަޝިއާގެ ދައުލަތުގެ ނިއުސް އެޖެންސީ ޓާސް އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވެ އެވެ.އިންޑިއާއިން ސާޗް އެންޑް ރެސްކިއު ޓީމަކާއި މެޑިކަލް ޓީމެއްގެ އިތުރުން ޕްރޮވިޝަންތައް ފޮނުވާފައިވާއިރު މެލޭޝިއާގެ ފޮރިން މިނިސްޓްރީން ބުނީ އެ ގައުމުން އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަހައްދުތައް ދެނެގަނެ އެހީތެރިކަން ފޯރުކޮށްދިނުމަށް މާދަމާ 50 މީހުން ފޮނުވާނެ ކަމަށެވެ.
އަދި އިންސާނީ އެހީއަށް ފަންޑު ކުރާނެ ކަމަށް ވެސް ބައެއް ގައުމުތަކުން ވަނީ ވައުދުވެފަ އެވެ. އެގޮތުން ދެކުނު ކޮރެއާއިން ބުނީ ބައިނަލްއަގްވާމީ ޖަމިއްޔާތައް މެދުވެރިކޮށް 2 މިލިއަން ޑޮލަރުގެ އިންސާނީ އެހީ ފޯރުކޮށްދޭނެ ކަމަށެވެ. އދ އިން ރިލީފް މަސައްކަތްތައް ފެށުމަށް 5 މިލިއަން ޑޮލަރު ކަނޑައަޅާފައިވާއިރު، ޗައިނާ ސަރުކާރުން ވެސް މިޔަންމާއަށް އިމަޖެންސީ އިންސާނީ އެހީގެ ގޮތުގައި 13.8 މިލިއަން ޑޮލަރު ދޭން ވަނީ ވައުދުވެފައި އެވެ.
މިޔަންމާ ބިންހެލުމުގައި މިހާތަނަށް 1000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައި އެވެ.
ގުޅުންހުރި

ޗައިނާ، އިންޑިއާ އަދި ރަޝިއާއިން މިޔަންމާއަށް ރެސްކިއު ގްރޫޕްތައް ފޮނުވައިފި

މިޔަންމާ-ތައިލެންޑު ބިންހެލުން: މިޔަންމާއިން މަރުވި މީހުންގެ އަދަދު 1000 އަށްވުރެ މައްޗަށް!

މިޔަންމާ-ތައިލެންޑު ބިންހެލުން: ތައިލެންޑުން މަރުވި މީހުންގެ އަދަދު 9 އަށް, 110 މީހުން އަދިވެސް ނުފެނޭ!
