
މިޔަންމާ-ތައިލެންޑު ބިންހެލުން: މިޔަންމާއިން މަރުވި މީހުންގެ އަދަދު 1000 އަށްވުރެ މައްޗަށް!
# މިޔަންމާ - ތައިލެންޑު ބިންހެލުން--
އިއްޔެ މިޔަންމާއައި ތައިލެންޑަށް އައި ބާރުގަދަ ބިންހެލުމާއި އެކު މިޔަންމާއިން މަރުވި މީހުންގެ އަދަދު 1000 އަށް ވުރެ މައްޗަށް އަރައިފި އެވެ.

މިޔަންމާގެ އަސްކަރީ ސަރުކާރުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ މިޔަންމާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ އަދި ބިންހެލުން އައި މައި ސަރަހައްދާ ކައިރީގައި އޮންނަ މަންޑަލޭ ސަރަހައްދުގައި 1،002 މީހުން މަރުވެ، ގާތްގަނޑަކަށް 2،376 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.
މި ބިންހެލުމަށްފަހު އިއްޔެގެ ގިނަ ވަގުތުތަކުގައި މިޔަންމާއަށް އިތުރު ލޮޅުންތަކެއް ވެސް ވަނީ އައިސްފައި އެވެ. އެގޮތުން ރޭވެސް އިތުރު ލޮޅުންތަކެއް އިހްސާސުކުރެވުނު ކަމަށް އެގައުމުގައި މިވަގުތު ހުރި އަލްޖަޒީރާގެ ނޫސްވެރިޔާ ވަނީ ބުނެފައި އެވެ.
މި ބިންހެލުމާއި އެކު މިޔަންމާގެ މަގުތަކާއި ބްރިޖާއި އިމާރާތްތައް ފަދަ އުމްރާނީ ވަސީލަތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި އެވެ. މިޔަންމާގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހާލުގައި ޖެހިފައިވާ ސަރަހައްދުތަކުގައި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް މިހާރުވެސް ކުރިއަށް ދާ ކަމަށެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނީ ފުރަތަމަ ބިންހެލުން އައިސްފައިވަނީ ހުކުރު ދުވަހުގެ މެންދުރު 12:50 ހާއިރު މިޔަންމާގެ ސަގައިން ސިޓީގެ 16 ކިލޯމީޓަރު ހުޅަނގު އުތުރުން 10 ކިލޯމީޓަރު އަޑިން ކަމަށެވެ. އެގޮތުން ފުރަތަމަ ބިންހެލުން ރެކޯޑް ކުރެވިފައިވަނީ 7.7 މެގްނިޓިއުޑްގައި އެވެ. އަދި ދެވަނަ ލޮޅުން އައިސްފައިވަނީ އޭގެ މިނެޓެއް ފަހުން 6.4 މެގްނިޓިއުޑްގައި އެވެ.
މިޔަންމާގެ ވެރިކަން ކުރާ އަސްކަރިއްޔާއިން ވަނީ މި ބިންހެލުމާއި އެކު އެގައުމުގެ ހަ ސަރަހައްދަކާއި އެއް ސްޓޭޓެއްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ. އަދި މި ބިންހެލުމުގެ އަސަރު އެގައުމާއި އަވަށްޓެރި ތައިލެންޑަށް ކުރި އިރު އެގައުމުގެ އުސް އިމާރާތެއް ބިމާ ހަމަވެ މިހާތަނަށް 10 މީހަކު ވަނީ މަރުވެފައި އެވެ. ތައިލެންޑުގައިވެސް މި ކާރިސާއާއި ގުޅިގެން ވަނީ ކުއްލި ހާލަތު އިއުލާނުކޮށްފައި އެވެ.
ގުޅުންހުރި

ޗައިނާ، އިންޑިއާ އަދި ރަޝިއާއިން މިޔަންމާއަށް ރެސްކިއު ގްރޫޕްތައް ފޮނުވައިފި

މިޔަންމާ-ތައިލެންޑު ބިންހެލުން: މިޔަންމާއިން މަރުވި މީހުންގެ އަދަދު 1000 އަށްވުރެ މައްޗަށް!

މިޔަންމާ-ތައިލެންޑު ބިންހެލުން: ތައިލެންޑުން މަރުވި މީހުންގެ އަދަދު 9 އަށް, 110 މީހުން އަދިވެސް ނުފެނޭ!
