logoEN
Sto top
މިޔަންމާ-ތައިލެންޑު ބިންހެލުން: ތައިލެންޑުން މަރުވި މީހުންގެ އަދަދު 9 އަށް, 110 މީހުން އަދިވެސް ނުފެނޭ!

މިޔަންމާ-ތައިލެންޑު ބިންހެލުން: ތައިލެންޑުން މަރުވި މީހުންގެ އަދަދު 9 އަށް, 110 މީހުން އަދިވެސް ނުފެނޭ!

އަހުމަދު ޝުރާއު

logo

3/28/2025, 4:40:46 PM

# މިޔަންމާ - ތައިލެންޑު ބިންހެލުން

--

މިއަދު މިޔަންމާއާއި ތައިލެންޑަށް އައި ބާރުގަދަ ބިންހެލުމުގައި ތައިލެންޑުން މަރުވި މީހުންގެ އަދަދު 9 އަށް އަރާފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ހާމަކޮށްފި އެވެ.

Wamco

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނީ އެސަރަހައްދަށް އައިފުރަތަމަ ބިންހެލުން އައިސްފައިވަނީ ހުކުރު ދުވަހުގެ މެންދުރު 12:50 ހާއިރު މިޔަންމާގެ ސަގައިން ސިޓީގެ 16 ކިލޯމީޓަރު ހުޅަނގު އުތުރުން 10 ކިލޯމީޓަރު އަޑިން ކަމަށެވެ. އެގޮތުން ފުރަތަމަ ބިންހެލުން ރެކޯޑް ކުރެވިފައިވަނީ 7.7 މެގްނިޓިއުޑްގައި އެވެ. އަދި ދެވަނަ ލޮޅުން އައިސްފައިވަނީ އޭގެ މިނެޓެއް ފަހުން 6.4 މެގްނިޓިއުޑްގައި ކަމަށެވެ.

މިޔަންމާގެ ސަރަހައްދަކަށް އައި މި ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރީ އަވަށްޓެރި ތައިލެންޑުގެ ވެރިރަށް ބެންކޮކަށެވެ. އެގޮތުން މި ބިންހެލުމުގައި ތައިލެންޑުގައި އިމާރާތްކުރަމުންދިޔަ 30 ބުރީގެ އިމާރާތެއް ބިމާހަމަވި އިރު އިތުރު އިމާރާތެއްވެސް ވަނީ ވެއްޓިފައި އެވެ.

މި ކާރިސާއާއި ގުޅިގެން އެންމެ ފަހުގެ މައުލޫމާތު ހާމަކުރައްވައި ތައިލެންޑުގެ ބޮޑުވަޒީރުގެ ނައިބު ފުމްތަމް ވެޗަޔަޗައި ވިދާޅުވީ މިހާތަނަށް އެގައުމުން މަރުވި މީހުންގެ އަދަދު 9 އަށް އަރާފައިވާ ކަމަށެވެ. އޭގެ ތެރެއިން 8 މީހުންނަކީ ވެއްޓުނު 30 ބުރީގެ އިމާރާތުގެ ދަށުވި 8 މީހުން ކަމަށާއި 9 ވަނަ މީހާއަކީ އެހެން ސަރަހައްދަކަށް ލިބުނު ގެއްލުންތަކުގެ ތެރޭގައި މަރުވި މީހެއް ކަމަށެވެ.

އަދި އިތުރު 110 މީހަކު ވެއްޓުނު އިމާރާތުގެ ދަށުގައި ތިބި ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ބިންހެލުމުގެ އެޕިކް ސެންޓާރ ކަމަށްވާ މިޔަންމާއިން މި ކާރިސާގައި މިހާތަނަށް 144 މީހަކު މަރުވެ 700 އަށްވުރެ ގިނަ މީހުން އަނިޔާވެފައި އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside