
އަމިއްލަ ދަނޑުގައި އޮސަސޫނާ ބަލިކޮށް ބާސެލޯނާ އިން އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ނަގައިފި
# ބޭރު ދުނިޔޭގެ ކުޅިވަރު# ސްޕެނިޝް ލަ ލީގާ# ދިވެހި ކުޅިވަރު # ބާސެލޯނާ# އޮސަސޫނާބާސެލޯނާ އާއި އޮސަސޫނާ ވާދަކުރި މެޗުގެ ތެރެއިން
ސްޕެނިޝް ލަލީގާގައި ބުރާސްފަތި ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 3-0 ގެ ނަތީޖާއަކުން އޮސަސޫނާ ބަލިކޮށް ބާސެލޯނާ އިން ލީގު ތާވަލުގެ ކުރީގައި ތިން ޕޮއިންޓްގެ ލީޑެއްނަގައިފިއެވެ.

ލީގުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުގައި 4-2 ގެ ނަތީޖާއަކުން އެތްލެޓިކޯ މެޑްރިޑް އަތުން މޮޅުވެފައިވާއިރު، އޮސަސޫނާ އެންމެ ފަހުން ކުޅުނު މެޗުގައި ގެޓަފޭ އަތުން 2-1 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އޮސަސޫނާ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ބާސެލޯނާ އިން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައެވެ. އަދި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ފެރާން ޓޮރޭސް އެވެ. އަދި އޭގެ 10 މިނެޓު ފަހުން ލިބުނު ޕެނަލްޓީއެއްގައި އެޓީމުގެ ލީޑު ފުޅާކޮށްދިނީ މިޑްފީލްޑަރު ޑެނީ އޮލްމޯ އެވެ.
މީގެ އިތުރުން މިހާފުގައި ބާސެލޯނާގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް އޮސަސޫނާއަށް ފޮނުވާލެވިފައި ނުވާއިރު، ފުރަތަަމަ ހާފުގެ ކުޅުނު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ބާސެލޯނާ އިން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުގެ ތިންވަނަ ލަނޑު ފަހުހާފުގެ 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ތަޖްރިބާކާރު ފޯވާޑް ރޮބަޓް ލެވޮންޑަސްކީ އެވެ.
މިއީ ލީގުގައި އެންމެ ފަހުން ކުޅުނު 27 މެޗުގައި އޭނާ ކާމިޔާބުކުރި 23 ވަނަ ލަނޑެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 28 މެޗުން ބާސެލޯނާއަށް 63 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި އޮސަސޫނާއަށް ލީގުގައި ކުޅުނު 28 މެޗުން ލިބުނު 33 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 14 ވަނައިގައެވެ.
ގުޅުންހުރި

ލެވޮންޑަސްކީގެ ދެލަނޑާއެކު ޖިރޯނާ ބަލިކޮށް ބާސެލޯނާ އިން ތިން ޕޮއިންޓަށް ލީޑު ފުޅާކޮށްފި
ޝީޝާ ޔުނިޓީ ފުޓަސަލް ޗެލެންޖު 2025 ގެ ޗެންޕިއަންކަން ރަސްގެދަރަ އިން ހޯދައިފި

އެމްބާޕޭގެ ދެލަނޑާއެކު ލެގަނޭސް އަތުން ރެއާލް މެޑްރިޑަށް އުނދަގޫ މޮޅެއް
.jpg&w=3840&q=75)