
އަލްސަންގެ ހެޓްރިކާއެކު އެމްއެފް ޔުނައިޓެޑް ކަޓުވާލުމަށްފަހު އެސްކޭޕީ ޔުނައިޓެޑް ފައިނަލުން ޖާގަ ހޯދައިފި
# ދިވެހި ކުޅިވަރު # ޝީޝާ ޔުނިޓީ ފުޓްސަލް ޗެލެންޖް 2025އެމްއެފް ޔުނައިޓެޑާއި އެސްކޭޕީ ޔުނައިޓެޑް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް / ހާޒިމް
މިހާރު ކުރިއަށް ޝީޝާ ޔުނިޓީ ފުޓްސަލް ޗެލެންޖް 2025 ގެ ސެމީފައިނަލް ދެވަނަ މެޗުގައި ބުރާސްފަތި ދުވަހުގެ ރޭ އެސްކޭޕީ ޔުނައިޓެޑާއި އެމްއެފް ޔުނައިޓެޑް ވާދަކުރި މެޗު ފަސޭހަކަމާއެކު 8-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް އެސްކޭޕީ ޔުނައިޓެޑް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

އެސްކޭޕީ ޔުނައިޓެޑް މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ފަސް ޕޮއިންޓާއެކު ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި އެމްއެފް ޔުނައިޓެޑް ސެމީފައިނަލުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކު ގުރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެލަނޑުގެ ލީޑަކާއެކު 3-1 ގެ ނަތީޖާއަކުން އެސްކޭޕީ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެސްކޭޕީ ޔުނައިޓެޑް ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ.
ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގައި އެސްކޭޕީ ޔުނައިޓެޑުން ވަނީ އިތުރު ފަސް ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން މިމެޗުގައި އެސްކޭޕީ ޔުނައިޓެޑްގެ އަލީ އަލްސަން ތިންލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު އެޓީމުގެ އީމާން ނަޒީރު ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން އެޓީމުގެ ޝާޝް ޝަރީފު، ހަސަން ސަހާފު އަދި އަލީ ޝަނޫން މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި އެމްއެފް ޔުނައިޓެޑްގެ ހަމައެކަނި ލަނޑު އެޓީމުގެ އަލީ ނަޖާހު ކާމިޔާބުކުރިއިރު، މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެސްކޭޕީ ޔުނައިޓެޑްގެ އަލީ އަލްސަން އެވެ.
މުބާރާތުގެ ފައިނަލުގައި މިމަހުގެ 30 ވަނަ ދުވަހުގެ ރޭ އެސްކޭޕީ ޔުނައިޓެޑުން ނުކުންނާނީ ކުލަބު ރަސްގެދަރަ އާއި ދެކޮޅަށެވެ. އަދި ރަސްގެދަރަ މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ސެމީގެ ފުރަތަމަ މެޗުގައި 6-0 ގެ ނަތީޖާއަކުން ޔުނައިޓެޑް މައިލޯ ބަލިކުރުމަށްފަހުއެވެ.
18 މާރިޗު 2025 އިން 30 މާރިޗު 2025 ގެ ނިޔަލަށް އައްޑޫ ސިޓީގައި ކުރިއަށް ގެންދާ މިމުބާރާތުގައި މިއަހަރު ޖުމްލަ އަށް ޓީމަކުން ވާދަކުރާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި އަށް ޓީމު ދެގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.
މި މުބާރާތުގެ ޗެންޕިއަން ޓީމަށް 50،000 އަދި ރަނަރަޕް ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާއިރު، އެހެނިހެން އިނާމުތަކާއެކު މުބާރާތުގެ ޖުމްލަ އިނާމު ފައިސާގެ އަދަދު 1،00،000 ރުފިޔާއަށްވުރެ ގިނައެވެ.
މީގެ އިތުރުން މި މުބާރާތުގެ ޓައިޓްލް ސްޕޮންސާ އަކަށް ހަމަޖައްސާފައި ވަނީ ރާއްޖޭގައި އެންމެ މަޤްބޫލް ސައިކަލް ބްރޭންޑް ކަމުގައިވާ ޖަޕާނުގެ މަޝްހޫރު ހޮންޑާ ކުންފުނީގެ އޮތޮރައިޒްޑް ޑިސްްޓްރިބިއުޓާރ ޝީޝާ އެވެ. އަދި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.
ގުޅުންހުރި

ލެވޮންޑަސްކީގެ ދެލަނޑާއެކު ޖިރޯނާ ބަލިކޮށް ބާސެލޯނާ އިން ތިން ޕޮއިންޓަށް ލީޑު ފުޅާކޮށްފި
ޝީޝާ ޔުނިޓީ ފުޓަސަލް ޗެލެންޖު 2025 ގެ ޗެންޕިއަންކަން ރަސްގެދަރަ އިން ހޯދައިފި

އެމްބާޕޭގެ ދެލަނޑާއެކު ލެގަނޭސް އަތުން ރެއާލް މެޑްރިޑަށް އުނދަގޫ މޮޅެއް
.jpg&w=3840&q=75)