
ތަފާތުބޮޑު ނަތީޖާއަކުން ޔުނައިޓެޑް މައިލޯ ބަލިކޮށް ރަސްގެދަރަ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި
# ދިވެހި ކުޅިވަރު # ޝީޝާ ޔުނިޓީ ފުޓްސަލް ޗެލެންޖް 2025ރަސްގެދަރަ އާއި ޔުނައިޓެޑް މައިލޯ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ހާޒިމް / ގާފު ސްޕޯޓްސް
މިހާރު ކުރިއަށް ޝީޝާ ޔުނިޓީ ފުޓްސަލް ޗެލެންޖް 2025 ގެ ސެމީފައިނަލް ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހުގެ ރޭ ކުލަބު ރަސްގެދަރަ އާއި ޔުނައިޓެޑް މައިލޯ ކުޅުނު މެޗު ފަސޭހަކަމާއެކު 6-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ރަސްގެދަރަ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ރަސްގެދަރަ މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ޔުނައިޓެޑް މައިލޯ ސެމީފައިނަލުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ރަސްގެދަރަ އިން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެލަނޑުގެ ލީޑަކާއެކު ރަސްގެދަރަ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ރަސްގެދަރަ އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ކުލަބު ރަސްގެދަރައިގެ ހަސަން މިފްރާހް، އަޔާޒް އަހުމަދު، ޒިމާމް ޒާހިރު، އިބްރާހިމް ޒާހީ، ހަސަން މުފީދު އަދި އަހުމަދު ހުބާބު މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރަސްގެދަރައިގެ އަޔާޒް އަހުމަދު އެވެ.
18 މާރިޗު 2025 އިން 30 މާރިޗު 2025 ގެ ނިޔަލަށް އައްޑޫ ސިޓީގައި ކުރިއަށް ގެންދާ މިމުބާރާތުގައި މިއަހަރު ޖުމްލަ އަށް ޓީމަކުން ވާދަކުރާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި އަށް ޓީމު ދެގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.
މި މުބާރާތުގެ ޗެންޕިއަން ޓީމަށް 50،000 އަދި ރަނަރަޕް ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާއިރު، އެހެނިހެން އިނާމުތަކާއެކު މުބާރާތުގެ ޖުމްލަ އިނާމު ފައިސާގެ އަދަދު 1،00،000 ރުފިޔާއަށްވުރެ ގިނައެވެ.
މީގެ އިތުރުން މި މުބާރާތުގެ ޓައިޓްލް ސްޕޮންސާ އަކަށް ހަމަޖައްސާފައި ވަނީ ރާއްޖޭގައި އެންމެ މަޤްބޫލް ސައިކަލް ބްރޭންޑް ކަމުގައިވާ ޖަޕާނުގެ މަޝްހޫރު ހޮންޑާ ކުންފުނީގެ އޮތޮރައިޒްޑް ޑިސްްޓްރިބިއުޓާރ ޝީޝާ އެވެ. އަދި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.
ގުޅުންހުރި

ލެވޮންޑަސްކީގެ ދެލަނޑާއެކު ޖިރޯނާ ބަލިކޮށް ބާސެލޯނާ އިން ތިން ޕޮއިންޓަށް ލީޑު ފުޅާކޮށްފި
ޝީޝާ ޔުނިޓީ ފުޓަސަލް ޗެލެންޖު 2025 ގެ ޗެންޕިއަންކަން ރަސްގެދަރަ އިން ހޯދައިފި

އެމްބާޕޭގެ ދެލަނޑާއެކު ލެގަނޭސް އަތުން ރެއާލް މެޑްރިޑަށް އުނދަގޫ މޮޅެއް
.jpg&w=3840&q=75)