
ސްޓަރސް އަތުން ހޯދި ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ އެސްކޭޕީ ޔުނައިޓެޑުން ކަށަވަރުކޮށްފި
# ދިވެހި ކުޅިވަރު # ޝީޝާ ޔުނިޓީ ފުޓްސަލް ޗެލެންޖް 2025ސްޓަރސް އާއި އެސްކޭޕީ ޔުނައިޓެޑް ވާދަަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ހާޒިމް / ގާފު ސްޕޯޓްސް
މިހާރު ކުރިއަށް ޝީޝާ ޔުނިޓީ ފުޓްސަލް ޗެލެންޖް 2025 ގެ ގުރޫޕް އޭގައި އަންގާރަ ދުވަހުގެ ރޭ އެސްކޭޕީ ޔުނައިޓެޑާއި ސްޓަރސް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އެސްކޭޕީ ޔުނައިޓެޑް މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.

މުބާރާތުގައި ސްޓަރސް ކުޅުނު ފުރަތަމަ މެޗުގައި ބޭރުމަތި ސްޕޯޓްސް ކުލަބާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، ޔުނައިޓެޑް މައިލޯ އާއި ދެކޮޅަށް އެޓީމު ކުޅުނު ދެވަނަ މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި އެސްކޭޕީ ޔުނައިޓެޑްގެ ފުރަތަމަ މެޗުގައި ސްޓަރސް އަތުން 6-2 ގެ ނަތީޖާއަކުން މޮޅުވި ނަމަވެސް، ބޭރުމަަތި ސްޕޯޓްސް ކުލަބާއި ދެކޮޅަށް ކުޅުނު ދެވަނަ މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އެސްކޭޕީ ޔުނައިޓެޑު އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ހަސަން ސަހާފު އެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން އެސްކޭޕީ ޔުނައިޓެޑް ކުރީގައި އޮވެެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި އެސްކޭޕީ ޔުނައިޓެޑުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްފައެވެ. އަދި މިލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ސަހާފު އެވެ.
ސްޓަރސް އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ފަހުހާފުގެ 35 ވަނަ މިނެޓިގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މުހައްމަދު ދާނިޝް އިބްރާހިމް އެވެ. އަދި އޭގެ ފަހުން މިނެޓެއް ނުވަނީސް ދާނިޝް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.
މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެސްކޭޕީ ޔުނައިޓެޑްގެ ހަސަން ސަހާފު އެވެ.
މިނަތީޖާއެކު ކުޅުނު ތިން މެޗުން ހޯދި ފަސް ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އެސްކޭޕީ ޔުނައިޓެޑް މުބާރާތުގެ ސެމީފައިނަލުން ޖާގަހޯދިއިރު، ސްޓަރސް އިން މުބާރާތް ނިންމާލީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ތިން ޕޮއިންޓާއެކު ގުރޫޕްގެ ތިންވަނައިގައި އޮވެއެވެ.
18 މާރިޗު 2025 އިން 30 މާރިޗު 2025 ގެ ނިޔަލަށް އައްޑޫ ސިޓީގައި ކުރިއަށް ގެންދާ މިމުބާރާތުގައި މިއަހަރު ޖުމްލަ އަށް ޓީމަކުން ވާދަކުރާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި އަށް ޓީމު ދެގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.
މި މުބާރާތުގެ ޗެންޕިއަން ޓީމަށް 50،000 އަދި ރަނަރަޕް ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާއިރު، އެހެނިހެން އިނާމުތަކާއެކު މުބާރާތުގެ ޖުމްލަ އިނާމު ފައިސާގެ އަދަދު 1،00،000 ރުފިޔާއަށްވުރެ ގިނައެވެ.
މީގެ އިތުރުން މި މުބާރާތުގެ ޓައިޓްލް ސްޕޮންސާ އަކަށް ހަމަޖައްސާފައި ވަނީ ރާއްޖޭގައި އެންމެ މަޤްބޫލް ސައިކަލް ބްރޭންޑް ކަމުގައިވާ ޖަޕާނުގެ މަޝްހޫރު ހޮންޑާ ކުންފުނީގެ އޮތޮރައިޒްޑް ޑިސްްޓްރިބިއުޓާރ ޝީޝާ އެވެ. އަދި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.
ގުޅުންހުރި

ލެވޮންޑަސްކީގެ ދެލަނޑާއެކު ޖިރޯނާ ބަލިކޮށް ބާސެލޯނާ އިން ތިން ޕޮއިންޓަށް ލީޑު ފުޅާކޮށްފި
ޝީޝާ ޔުނިޓީ ފުޓަސަލް ޗެލެންޖު 2025 ގެ ޗެންޕިއަންކަން ރަސްގެދަރަ އިން ހޯދައިފި

އެމްބާޕޭގެ ދެލަނޑާއެކު ލެގަނޭސް އަތުން ރެއާލް މެޑްރިޑަށް އުނދަގޫ މޮޅެއް
.jpg&w=3840&q=75)