logoEN
Sto top
ފަހަތުން އަރައި ބޭރުމަތި ބަލިކޮށް ޔުނައިޓެޑް މައިލޯ ސެމީގެ ޖާގައެއް ކަށަވަރުކޮށްފި

ފަހަތުން އަރައި ބޭރުމަތި ބަލިކޮށް ޔުނައިޓެޑް މައިލޯ ސެމީގެ ޖާގައެއް ކަށަވަރުކޮށްފި

ހަސަން ޝަމްއޫން

logo

3/25/2025, 6:04:32 PM

# ދިވެހި ކުޅިވަރު # ޝީޝާ ޔުނިޓީ ފުޓްސަލް ޗެލެންޖް 2025

ޔުނައިޓެޑް މައިލޯ އާއި ބޭރުމަތި ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ހާޒިމް / ގާފު ސްޕޯޓްސް

މިހާރު ކުރިއަށް ޝީޝާ ޔުނިޓީ ފުޓްސަލް ޗެލެންޖް 2025 ގެ ގުރޫޕް އޭގައި އަންގާރަ ދުވަހުގެ ރޭ ބޭރުމަތި ސްޕޯޓްސް ކުލަބާއި ޔުނައިޓެޑް މައިލޯ ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު ފަހަތުން އަރައި 1-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޔުނައިޓެޑް މައިލޯ އިން ސެމީފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި އެެވެ.

Wamco

މުބާރާތުގައި ބޭރުމަތި ކުޅުނު ފުރަތަމަ މެޗުގައި ސްޓަރސް އާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، އެސްކޭޕީ ޔުނައިޓެޑާއި ދެކޮޅަށް އެޓީމު ކުޅުނު ދެވަނަ މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި ޔުނައިޓެޑް މައިލޯގެ ފުރަތަމަ މެޗުގައި އެސްކޭޕީ ޔުނައިޓެޑް އަތުން 6-2 ގެ ނަތީޖާއަކުން އެޓީމު ބަލިވި ނަމަވެސް، ސްޓަރސް އާއި ދެކޮޅަށް ކުޅުނު ދެވަނަ މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ބޭރުމަތި ސްޕޯޓްސް ކުލަބުންނެވެ. މިލަނޑު މެޗު ފެށިގެން ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މުހައްމަދު ރަފާހު އަބްދުއްﷲ އެވެ.

ނަމަވެސް ޖެހިގެން އައި މިނެޓުގައި ޔުނައިޓެޑް މައިލޯގެ މުހައްމަދު ހާޒިމް ރިފްއަތު ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ފޯރިގަދަ އަވަސް ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ވެސް ދެޓީމުން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި މިމެޗުން ޔުނައިޓެޑް މައިލޯ މޮޅުވި ލަނޑު މެޗުގެ 36 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ހަސަން ޝިއުސް އެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޔުނައިޓެޑް މައިލޯގެ ކީޕަރު މުހައްމަދު މިޝާލް އަލީ ރަޝީދު އެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިނަ މެޗުން ޔުނައިޓެޑް މައިލޯއަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި އެޓީމުން ވަނީ ސެމީފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އަދި މިމެޗުން ބަލިވި ބޭރުމަތިން މުބާރާތް ނިންމާލީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ލިބުނު ދެ ޕޮއިންޓާއެކު ގުރޫޕްގެ ފުލުގައި އޮވެއެވެ.

18 މާރިޗު 2025 އިން 30 މާރިޗު 2025 ގެ ނިޔަލަށް އައްޑޫ ސިޓީގައި ކުރިއަށް ގެންދާ މިމުބާރާތުގައި މިއަހަރު ޖުމްލަ އަށް ޓީމަކުން ވާދަކުރާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި އަށް ޓީމު ދެގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.

މި މުބާރާތުގެ ޗެންޕިއަން ޓީމަށް 50،000 އަދި ރަނަރަޕް ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާއިރު، އެހެނިހެން އިނާމުތަކާއެކު މުބާރާތުގެ ޖުމްލަ އިނާމު ފައިސާގެ އަދަދު 1،00،000 ރުފިޔާއަށްވުރެ ގިނައެވެ.

މީގެ އިތުރުން މި މުބާރާތުގެ ޓައިޓްލް ސްޕޮންސާ އަކަށް ހަމަޖައްސާފައި ވަނީ ރާއްޖޭގައި އެންމެ މަޤްބޫލް ސައިކަލް ބްރޭންޑް ކަމުގައިވާ ޖަޕާނުގެ މަޝްހޫރު ހޮންޑާ ކުންފުނީގެ އޮތޮރައިޒްޑް ޑިސްްޓްރިބިއުޓާރ ޝީޝާ އެވެ. އަދި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside