
ފަސޭހަކަމާއެކު ހިތަދޫ ޕޮލިސް ބަލިކޮށް ރަސްގެދަރަ ގުރޫޕްގެ އެއްވަނަ ކަށަވަރުކޮށްފި
# ދިވެހި ކުޅިވަރު # ޝީޝާ ޔުނިޓީ ފުޓްސަލް ޗެލެންޖް 2025ރަސްގެދަރަ އާއި ހިތަދޫ ޕޮލިސް ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓަސް/ ހާޒިމް
މިހާރު ކުރިއަށް ޝީޝާ ޔުނިޓީ ފުޓްސަލް ޗެލެންޖް 2025 ގެ ގުރޫޕް ބީގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު ދެވަނަ މެޗުގައި ކުލަބު ރަސްގެދަރަ އާއި ހިތަދޫ ޕޮލިސް ރެކްރިއޭޝަން ކުލަބު ވާދަކުރި މެޗު ފަސޭހަކަމާއެކު 5-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ރަސްގެދަރަ މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.

މުބާރާތުގައި ރަސްގެދަރަ ކުޅުނު ފުރަތަމަ މެޗުގައި 4-0 ގެ ނަތީޖާއަކުން ކުލަބު ޒެލޯން އަތުން މޮޅުވުއިރު، ދެވަނަ މެޗުގައި އެމްއެފް ޔުނައިޓެޑް އަތުން އެޓީމު މޮޅުވީ 7-1 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. ހިތަދޫ ޕޮލިސްގެ ފުރަތަމަ މެޗުގައި 5-0 ގެ ނަތީޖާއަކުން އެމްއެފް ޔުނައިޓެޑް އަތުން ބަލިވި ނަމަވެސް ދެވަނަ މެޗުގައި އެޓީމުން ވަނީ 2-1 ގެ ނަތީޖާއަކުުން ޒެލޯން ބަލިކޮށްފައެވެ.
މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ރަސްގެދަރަ އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެލަނޑުގެ ލީޑަކާއެކު ރަސްގެދަރަ ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެޓީމުން ވަނީ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ.
ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން އިތުރު ތިންލަނޑު ކާމިޔާބުކުރިއިރު، ހިތަދޫ ޕޮލިސް ރެކްރިއޭޝަން ކުލަބުން ވެސް ވަނީ މިހާފުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން މިމެޗުގައި ރަސްގެދަރަ ޓީމުގެ މުހައްމަދު އިނާޒް، އިބްރާހިމް ޒާހީ، ހަސަން މުފީދު އަދި ހުސެއިން އަމަން ޒުހައިރު މިއިން ކޮންމެ ކުޅުން ތެރިއަކު އެއްލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ލަނޑަކީ ހިތަދޫ ޕޮލިސް ޓީމުގެ ހުސެއިން ފައިސަލް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މީގެ އިތުރުން މިމެޗުގައި ހިތަދޫ ޕޮލިސް ޓީމުގެ ހަމައެކަނި ލަނޑު އެޓީމުގެ ޝުނާން އަންވަރު ކާމިޔާބުކުރިއިރު، މިމެޗުގެ މޮޅު ކުޅުންތެރިއަކީ ރަސްގެދަރަ ޓީމުގެ އިބްރާހިމް ޒާހީ އެވެ.
މިނަތިޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ރަސްގެދަރަ ސެމީފައިނަލުން ޖާގަ ހޯދިއިރު، މިމެޗުން ބަލިވި ހިތަދޫ ޕޮލިސް ރެކްރިއޭޝަން ކުލަބުން މުބާރާތް ނިންމާލީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު ގުރޫޕްގެ ތިންވަނައިގައި އޮވެއެވެ.
18 މާރިޗު 2025 އިން 30 މާރިޗު 2025 ގެ ނިޔަލަށް އައްޑޫ ސިޓީގައި ކުރިއަށް ގެންދާ މިމުބާރާތުގައި މިއަހަރު ޖުމްލަ އަށް ޓީމަކުން ވާދަކުރާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި އަށް ޓީމު ދެގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.
މި މުބާރާތުގެ ޗެންޕިއަން ޓީމަށް 50،000 އަދި ރަނަރަޕް ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާއިރު، އެހެނިހެން އިނާމުތަކާއެކު މުބާރާތުގެ ޖުމްލަ އިނާމު ފައިސާގެ އަދަދު 1،00،000 ރުފިޔާއަށްވުރެ ގިނައެވެ.
މީގެ އިތުރުން މި މުބާރާތުގެ ޓައިޓްލް ސްޕޮންސާ އަކަށް ހަމަޖައްސާފައި ވަނީ ރާއްޖޭގައި އެންމެ މަޤްބޫލް ސައިކަލް ބްރޭންޑް ކަމުގައިވާ ޖަޕާނުގެ މަޝްހޫރު ހޮންޑާ ކުންފުނީގެ އޮތޮރައިޒްޑް ޑިސްްޓްރިބިއުޓާރ ޝީޝާ އެވެ. އަދި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.