logoEN
Sto top
 ފަހުވަގުތު ބޭރުމަތި އަތުން ހޯދި ޕޮއިންޓާއެކު އެސްކޭޕީ ޔުނައިޓެޑް ގުރޫޕްގެ އެއްވަނައަށް

ފަހުވަގުތު ބޭރުމަތި އަތުން ހޯދި ޕޮއިންޓާއެކު އެސްކޭޕީ ޔުނައިޓެޑް ގުރޫޕްގެ އެއްވަނައަށް

ހަސަން ޝަމްއޫން

logo

3/21/2025, 9:37:40 PM

# ދިވެހި ކުޅިވަރު # ޝީޝާ ޔުނިޓީ ފުޓްސަލް ޗެލެންޖް 2025

ބޭރުމަތި ސްޕޯޓްސް ކުލަބާއި އެސްކޭޕީ ޔުނައިޓެޑް ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ހާޒިމް / ގާފު ސްޕޯޓްސް

މިހާރު ކުރިއަށް ޝީޝާ ޔުނިޓީ ފުޓްސަލް ޗެލެންޖް 2025 ގެ ގުރޫޕް އޭގައި ހުކުރު ދުވަހުގެ ރޭ ކުޅުނު ދެވަނަ މެޗުގައި އެސްކޭޕީ ޔުނައިޓެޑާއި ބޭރުމަތި ސްޕޯޓްސް ކުލަބު ވާދަކުރި މެޗުގެ ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު 2-2 ގެ ނަތީޖާއަކުން މެޗު އެއްވަރުކޮށް އެސްކޭޕީ ޔުނައިޓެޑުން ގުރޫޕްގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

Wamco

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި އެސްކޭޕީ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުގައި އެޓީމުން ވަނީ ފަސޭހަކަމާއެކު 6-2 ގެ ނަތީޖާއަކުން ޔުނައިޓެޑް މައިލޯ ބަލިކޮށްފައެވެ. އަދި ބޭރުމަތި ގުރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ސްޓަރސް އާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ބޭރުމަތިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަބްދުﷲ ޖުނައިދު އެވެ. މިއީ އެޓީމުގެ އަލީ ހާފިޒް އެސްކޭޕީގެ ދެކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް މުޅިން ހުސްކޮށްހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ބޭރުމަތި ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ އެސްކޭޕީ ޔުނައިޓެޑުންނެވެ. ނަތީޖާއެއްގެ ގޮތުން ފަހުހާފުގެ 27 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަސަން ސަހާފު އެވެ. ނަމަވެސް އޭގެ ތިން މިނެޓުފަހުން ބޭރުމަތި ވަނީ ދެވަނަ ފަހަރަށް މެޗުގެ ލީޑުހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އިންޝާލް އެވެ.

އެސްކޭޕީ ޔުނައިޓެޑުން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފަހުހާފުގެ 38 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޝާޝް ޝަރީފް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެސްކޭޕީ ޔުނައިޓެޑްގެ ޝާޝް ޝަރީފް އެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން އެސްކޭޕީ ޔުނައިޓެޑަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ގުރޫޕްގެ އެއްވަނައިގައެވެ. އަދި މިމެޗުން ލިބުނު އެއްޕޮއިންޓާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ބޭރުމަތި ސްޕޯޓްސް ކުލަބަށް ދެ ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ދެވަނައިގައެވެ.

18 މާރިޗު 2025 އިން 30 މާރިޗު 2025 ގެ ނިޔަލަށް އައްޑޫ ސިޓީގައި ކުރިއަށް ގެންދާ މިމުބާރާތުގައި މިއަހަރު ޖުމްލަ އަށް ޓީމަކުން ވާދަކުރާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި އަށް ޓީމު ދެގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.

މި މުބާރާތުގެ ޗެންޕިއަން ޓީމަށް 50،000 އަދި ރަނަރަޕް ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާއިރު، އެހެނިހެން އިނާމުތަކާއެކު މުބާރާތުގެ ޖުމްލަ އިނާމު ފައިސާގެ އަދަދު 1،00،000 ރުފިޔާއަށްވުރެ ގިނައެވެ.

މީގެ އިތުރުން މި މުބާރާތުގެ ޓައިޓްލް ސްޕޮންސާ އަކަށް ހަމަޖައްސާފައި ވަނީ ރާއްޖޭގައި އެންމެ މަޤްބޫލް ސައިކަލް ބްރޭންޑް ކަމުގައިވާ ޖަޕާނުގެ މަޝްހޫރު ހޮންޑާ ކުންފުނީގެ އޮތޮރައިޒްޑް ޑިސްްޓްރިބިއުޓާރ ޝީޝާ އެވެ. އަދި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside