
ވާދަވެރި ކުޅުމަކަށްފަހު ސްޓަރސް އިން ޔުނައިޓެޑް މައިލޯ މޮޅުވިޔަނުދީ ހިފަހައްޓައިފި
# ދިވެހި ކުޅިވަރު # ޝީޝާ ޔުނިޓީ ފުޓްސަލް ޗެލެންޖް 2025ޔުނައިޓެޑް މައިލޯ އާއި ސްޓަރސް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ހާޒިމް / ގާފު ސްޕޯޓްސް
މިހާރު ކުރިއަށް ޝީޝާ ޔުނިޓީ ފުޓްސަލް ޗެލެންޖް 2025 ގެ ގުރޫޕް އޭގައި ހުކުރު ދުވަހުގެ ރޭ ކުޅުނު ފުރަތަމަ މެޗުގައި ޔުނައިޓެޑް މައިލޯ އާއި ސްޓަރސް ވާދަކުރި މެޗު 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.

މުބާރާތުގައި ސްޓަރސް ކުޅުނު ފުރަތަމަ މެޗުގައި ބޭރުމަތި ސްޕޯޓްސް ކުލަބާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، ޔުނައިޓެޑް މައިލޯގެ ފުރަތަމަ މެޗުގައި އެސްކޭޕީ ޔުނައިޓެޑް އަތުން 6-2 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޔުނައިޓެޑް މައިލޯ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އަހުމަދު އިބްރާހިމް އެވެ. މިއީ އެޓީމުގެ ޝިއުސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ނަމަވެސް އޭގެ ތިންމިނެޓު ފަހުން ސްޓަރސް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ މުހައްމަދު ދާނިޝް އިބްރާހިމް އެވެ. އަދި މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި ޔުނައިޓެޑް މައިލޯ ދެވަނަ ފަހަރަށް ލީޑުހޯދިއިރު، މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުލް ކަރީމް އަހުމަދު އެވެ. ނަމަވެސް އޭގެ ދެމިނެޓް ފަހުން ސްޓަރސްގެ ހުސެއިން ފަސާހް ވަނީ ލަނޑެއް ކާމިޔާބު މިމެޗުގައި ދެވަނަ ފަހަރަށް އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މިލަނޑާއެކު 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެ މެޗު ނިމެންދަނިކޮށް މެޗުގެ އެންމެ ފަހު މިނެޓުގައި ސްޓަރސްގެ މުހައްމަދު ދާނިޝް އިބްރާހިމް ކުރި ފައުލަކާއި ގުޅިގެން މެޗުގެ ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑެއް ދައްކައި އޭނާ ދަނޑުން ފޮނުވާލާފައެވެ.
މިއާއެކު މެޗުގެ ބާކީބައި ސްޓަރސް އިން އެއްކުޅުންތެރިއަކު މަދުކޮށް ފުރިހަމަކުރިއިރު، މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޔުނައިޓެޑް މައިލޯގެ ކެޕްޓަން އަހުމަދު އިބްރާހިމް އެވެ.
މިނަތީޖާއެކު މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ސްޓަރސްއަށް ދެޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ދެވަނައިގައެވެ. އަދި މިމެޗުން ލިބުނު އެއްޕޮއިންޓާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ޔުނައިޓެޑް މައިލޯއަށް އެއްޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ފުލުގައެވެ.
18 މާރިޗު 2025 އިން 30 މާރިޗު 2025 ގެ ނިޔަލަށް އައްޑޫ ސިޓީގައި ކުރިއަށް ގެންދާ މިމުބާރާތުގައި މިއަހަރު ޖުމްލަ އަށް ޓީމަކުން ވާދަކުރާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި އަށް ޓީމު ދެގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.
މި މުބާރާތުގެ ޗެންޕިއަން ޓީމަށް 50،000 އަދި ރަނަރަޕް ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާއިރު، އެހެނިހެން އިނާމުތަކާއެކު މުބާރާތުގެ ޖުމްލަ އިނާމު ފައިސާގެ އަދަދު 1،00،000 ރުފިޔާއަށްވުރެ ގިނައެވެ.
މީގެ އިތުރުން މި މުބާރާތުގެ ޓައިޓްލް ސްޕޮންސާ އަކަށް ހަމަޖައްސާފައި ވަނީ ރާއްޖޭގައި އެންމެ މަޤްބޫލް ސައިކަލް ބްރޭންޑް ކަމުގައިވާ ޖަޕާނުގެ މަޝްހޫރު ހޮންޑާ ކުންފުނީގެ އޮތޮރައިޒްޑް ޑިސްްޓްރިބިއުޓާރ ޝީޝާ އެވެ. އަދި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.