
ކުރީގެ ސީޕީ ފަސީހު
ކޮންޓްރޯލާ އޮފް އިމިގްރޭޝަންގެ މަގާމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އަހުމަދު ފަސީހު މިއަދު އައްޔަނުކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިރޭ ވިދާޅުވީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގަމަށް މިރޭގެ ވަގުތެއްގައި ފަސީހް އައްޔަންކުރެއްވީ ސްޓޭޓް މިނިސްޓަރުން ފެންވަރުގައި ކަމަށެވެ.
ފަސީހް އަކީ ޔޫއެސް ޑިޕާޓްމަންޓް އޮފް ޖަސްޓިސް، ކުއަންޓިކޯ، ވާޖީނިއާގެ އެފްބީއައި ނެޝަނަލް އެކަޑަމީން އެފްބީއައި ޖެނެރަލް ކޯސް އޮފް އިންސްޓްރަކްޝަން ގްރެޖުއޭޓެކެވެ. އަދި އޭނާއަކީ މޯލްޑިވްސް ޕޮލިސް ސާވިސްއަށް ގިނަ ދުވަހު ހިދުމަތް ކުރައްވައިފައިވެއެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު އަދާކުރެއްވިއިރު، 2012 ވަނަ އަހަރު ނަޝީދު އިސްތިއުފާ ދެއްވި އިރު އެ މަގާމުގައި ހުންނެވީ ވެސް ފަސީހު އެވެ.
އޭގެ ފަހުން ފަސީހު ވަނީ އެމްޓީސީސީގެ ޑެޕިއުޓީ ސީއީއޯކަން ވެސް ކުރައްވާފަ އެވެ. އޭގެ ފަހުން 2022 ގައި އޭނާ ޕޮލިސް ބޯޑަށް އައްޔަންކުރައްވާފައިވެ އެވެ.
އިމިގްރޭޝަންގެ ވެރިޔަކަށް ފަސީހް އައްޔަންކުރައްވާފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ޝަމްއާން ވަހީދު ކުއްލި ގޮތަކަށް މަގާމުން ވަކިކުރެއްވުމަށްފަހު އެވެ. ޝަމްއާން މަގާމުން ވަކިކުރެއްވި ވަކި ސަބަބެއް އަދި ސަރުކާރުން ހާމައެއް ނުކުރެ އެވެ. ނަމަވެސް އޭނާ މަގާމުން ވަކިކުރި ހަބަރު ނޫސްތަކުގައި ރިޕޯޓްކުރުމާ އެކު ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ބިދޭސީންގެ އަތުން ނާޖައިޒު މަންފާ ހޯދަމުންދާތީ އެކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެކަމަކު ހައްޔަރުކުރި މީހުންގެ އެއްވެސް ތަފްސީލެއް ނުދެ އެވެ.