
އަލަށް ހައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދޭގޮތަށް ޙައްޖަށް ގެންދިއުމާއި ގުޅޭ އުސޫލު ގެޒެޓުކޮށްފި
# މޯލްޑިވްސް ހައްޖު ކޯޕަރޭޝަން--
ދިވެހިރާއްޖެއިން ޙައްޖަށް ގެންދިއުމާއި ގުޅޭ ހާއްސަ އުސޫލެއް އެކުލަވާލާ ގެޒެޓުކޮށްފިއެވެ.

މި އުސޫލަކީ ޙައްޖާއި ގުޅޭ މުހިއްމު ކަންކަމެއް ހިމެނޭ ގޮތަށް އެކުލަވާލާފައިވާ އުސޫލެކެވެ. މިއީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ދިވެހިރާއްޖެއިން ޙައްޖުގެ އަޅުކަން އަދާކުރުމަށް މީހުން ގެންދިޔުމަށް ހުއްދަ ދިނުމާއި، ޙައްޖުގެ ކޯޓާއާ މެދު ޢަމަލުކުރާނެ ގޮތާއި ޙައްޖުގެ ކަންތައްތައް ބެލެހެއްޓުމާ ގުޅޭ އެންމެހައި ސިޔާސަތުތަކާއި އުސޫލުތައް ކަނޑައަޅައި، އެ ކަންކަމާ އެއްގޮތަށް ޙައްޖުގެ ޚިދުމަތްދޭ ފަރާތުން ޢަމަލުކުރަމުންދާކަން ކަށަވަރުކުރުމާ ގުޅޭގޮތުން އެކުވަލައިފައިވާ އުސޫލެކެވެ.
މި އުސޫލާއެކު ޙައްޖާ ގުޅޭގޮތުން ރައްޔިތުންނަށް ލުއި އަގެއްގައި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމާއި، ޙައްޖަށް ދިއުމުގެ ގަސްތުގައި ރައްޔިތުން ދައްކާ ފައިސާ، ރައްކާތެރިކަމާއި އަމާނާތްތެރިކަމާއެކު ބެލެހެއްޓުމުގެ ގޮތުން، ޙައްޖަށް ދިއުމަށް ޓަކައި އެއްކޮށް ފައިސާ ދެއްކޭ ގޮތަށް ނުވަތަ ބައިބަޔަށް ބަހާލައިގެން ފައިސާ ދެއްކޭނެފަދަ ނިޒާމެއް ރައްޔިތުންނަށް ފޯރުކޮށްދިނުމާއި ޙައްޖު ކިއު ލިސްޓު ކުޑަކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް ވަނީ ކަނޑައަޅާފައެވެ.
މި އުސޫލުގެ ދަށުން ދިވެހި ރައްޔިތުން ހައްޖަށް ގެންދިޔުމުގެ ޚިދުމަތް ފޯރުކޮށްދޭނީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުން ކަމާއި ޙައްޖު ކިއު ކުޑަކުރުމުގެ ގޮތުން ފައިސާ ދައްކާ ފަރާތްތަކަށް ޙައްޖަށް ދިޔުމުގެ ފުރުސަތު ދިނުމުގެ ގޮތުން ސިޔާސަތަށް ވަނީ ބަދަލުތަކެއް ގެނެވިފައެވެ. އެއީ:• އަލަށް ޙައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދިނުން• ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކުގެ ތެރެއިން އުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރުން ފެށިގެން މަތީގެ ފަރާތްތަކަށް ކޮންމެ އަހަރަކު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ވަކި އިންސައްތައެއް ކަނޑައެޅުން.• ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ އުމުރުން 75 (ހަތްދިހަ ފަހެއް) އަހަރުން ފެށިގެން މަތީގެ މީހުންގެ ތެރެއިން ޞިއްޙީ ހާލަތަށް ބަލައި އެހީތެރިއަކު ހަމަޖެއްސެއްމުގެ ފުރުޞަތު ދެވޭނީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ ލިސްޓުގައި އާއިލާ މީހަކު ހިމެނޭނަމަ (ޙައްޖުގެ އަޅުކަން ކުރިން އަދާކޮށްފައިނުވާ) އެ މީހަކަށް ނުވަތަ އެހީތެރިއެއްގެ ގޮތުގައި ޙައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހެއް ހަމަޖެއްސުމަށް ފުރުޞަތު ދެވޭނީ، ޙައްޖު ކޯޕަރޭޝަނުގެ ލިސްޓުގައި ބުނެވިދިޔަ ފަދަ އާއިލާގެ މީހެއް ނެތިފައި، ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ މީހަކު އޭނާއަށް ލިބެން ނެތް ހާލަތުގައި.• ކުރިން ޙައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހަކަށް އިތުރު ފުރުޞަތެއް ދެވޭނީ، އެންމެ ފަހުން ޙައްޖުގެ އަޅުކަން އަދާކުރިތާ ހިޖުރީ ސަނަތުން 5 (ފަހެއް) އަހަރު ވެފައިވާނަމަ.
މި އުސޫލާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގެ 6.6ގެ ދަށުން، ލުއި އަގެއްގައި ޙައްޖަށް ގެންދިއުމަށް މަގުފަހިކުރުމުގެ ވަޢުދުގެ ދަށުން، ދިވެހިރައްޔިތުން ހައްޖަށް ގެންދާނީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުން ކަމާއި ޙައްޖު ކޯޕަރޭޝަންގެ ކިއު ލިސްޓުން ޖާގަ ކަށަވަރުކޮށްފައިވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި ސިޔާސަތުގެ ދަށުން ވީ އެންމެ އަވަހަކަށް ޙައްޖަށް ދިޔުމުގެ ފުރުސަތު ފަހިކޮށްދެވިގެންދާނެއެވެ.
ގުޅުންހުރި

ހައްޖު ކޯޕަރޭޝަންގެ އެމްޑީއަކަށް ފިރުޒުލް އައްޔަންކޮށްފި

ހައްޖު ކޯޕަރޭޝަންގެ ނަމުގައި ސްކޭމް މެސެޖުތަކެއް: ސަމާލުވޭ!

އަލަށް ހައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދޭގޮތަށް ޙައްޖަށް ގެންދިއުމާއި ގުޅޭ އުސޫލު ގެޒެޓުކޮށްފި




