
ސައިކަލު މަޑިދަށުން ވައްކަންކުރުމާއި ސައިކަލު ވަގަށް ނެގުމުގެ މައްސަލަތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތުދީފި
# ދިވެހި ފުލުހުންގެ ޙިދުމަތް--
ސައިކަލު މަޑިދަށުން ވައްކަންކުރުމުގެ މައްސަލަތަކާއި ސައިކަލު ވަގަށް ނެގުމުގެ މައްސަލަތަކާއި ރައްޔިތުންގެ އަގުބޮޑެތި މުދާ ރައްކާތެރިކޮށް މިހާރަށްވުރެ ބޮޑަށް ހޭލުންތެރިކުރުވުމަށް މައުލޫމާތުދިނުމުގެ ހަރަކާތެއް މާލޭގައި ކުރިއަށް ގެންގޮސްފިއެވެ.

މި މާރިޗު މަހުގެ 17 ވަނަ ދުވަހު ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނި މާފަންނު ނެއިބަހުޑް ޕޮލިހާއި ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓު ގުޅިގެންނެވެ.
ފެރީ ޓާމިނަލް ސަރަހައްދުގައި ސައިކަލު ޕާކުކުރާ ގާތްގަނޑަކަށް ފަންސާހަކަށް މީހުންނާ މި ހަރަކާތުގެ ތެރެއިން ބައްދަލުކޮށް ހޭލުންތެރިކުރުވުމަށް މައުލޫމާތުދީފައިވެއެވެ. އެގޮތުން، ސައިކަލު ޕާކުކޮށްފައިދާއިރު ތަޅުދަނޑި ނެގުނުތޯ ޔަގީންކުރުމަށާއި ޝަޓަރ ލޮކްކުރުމަށާއި ހުންގާނު ވެސް ލޮކްކުރެވުނުކަން ޔަގީންކުރުމަށް ފަހުގައި ނޫނީ ނުދިއުމަށް ހަނދާންކޮށްދީފައިވެއެވެ.
އޭގެ އިތުުރުން، މުހިންމު ލިޔެކިޔުމާއި އަގުބޮޑެތި ތަކެތި ޕޮކެޓް އަދި މަޑިދަށުގައި ނުބެހެއްޓުމަށާއި ސައިކަލުގެ ތަޅު ހަލާކުވެފައިވާނަމަ ތަޅު ބަދަލުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި ރައްކާތެރިކަމުގެ މައުލޫމާތު ހިމެނޭ ލީފްލެޓް ދީފައިވެއެވެ.