ކުލަބު ހުޅު ކަޓުވާލުމަށްފަހު ފައިނަލްގެ ފުރަތަމަ ޖާގަ ޑެޓޯނާ އިން ހޯދައިފި
# ގާފު ބޮންތި ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025# ދިވެހި ކުޅިވަރުޑޭޓޯނާއި ކުލަބު ހުޅު ވާދަކުރި މެޗުގެ ތެރެއިން...
މިހާރު ކުރިއަށްދާ ގާފު ބޮންތި ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025 އަންހެން ޑިވިޝަން ސެމީފައިނަލް ފުރަތަމަ މެޗުގައި ޑޭޓޯނާއި ކުލަބު ހުޅު ވާދަކުރި މެޗު ފަސޭހަކަމާއެކު ސީދާ ދެ ސެޓުން މޮޅުވެ ފައިނަލްގެ ފުރަތަމަ ޖާގަ ޑޭޓޯނާ އިން ހޯދައިފިއެވެ.

މުބާރާތުގެ ސެމީފައިނަލުން ޑޭޓޯނާ ޖާގައެއް ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ކުލަބު ހުޅު ސެމީފައިނަލުން ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ޑޭޓޯނާ އިން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ ފުރަތަމަ ސެޓް އެޓީމުން ކާމިޔާބުކުރީ 12 ލަނޑުގެ ބޮޑު ލީޑަކާއެކު 9-21 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ ސެޓުގައި ވެސް އެޓީމުން 21 ލަނޑު ކާމިޔާބުކުރިއިރު، މިސެޓުގައި ކުލަބު ހުޅުން ވަނީ 10 ލަނޑު ކާމިޔާބުކޮށްފަ އެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޑޭޓޯނާގެ ފާތިމަތު ޖުނާއެވެ.
7 މެއި 2025 އިން 15 މެއި 2025 ގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދާ މިމުބާރާތުގެ އަންހެން ޑިވިޝަނުގައި އަށް ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި އަށް ޓީމު ދެގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމު ސެމީފައިނަލަށް ވަނީ ހޮވިފައެވެ.
ޗެންޕިއަން ޓީމަށް 8،000 އަދި ރަނަރަޕް ޓީމަށް 4،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ މިމުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ގާފު އެވެ. މީގެ އިތުރުން މިމުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި މެމީ މޯލްޑިވްސް، ހޭންޑްބޯޅަ ނޭޝަން، ގަނޑުވަރު މޮބައިލް، އެޗްޑީސީ، އެޑިޓް ފެބްރިކޭޝަން އަދި މޮރޯ މޯލްޑިވްސް ހިމެނޭއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ