
ސީދާ ދެ ސެޓުން ސަދަން ބަލިކޮށް ގުރޫޕްގެ އެއްވަނަ ކުޑަހުވަދޫ އިން ކަށަވަރުކޮށްފި
# ގާފު ބޮންތި ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025# ދިވެހި ކުޅިވަރުކުޑަހުވަދޫ އާއި ސަދަން ވާދަކުރި މެޗުގެ ތެރެއިން...
މިހާރު ކުރިއަށްދާ ގާފު ބޮންތި ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025 ފިރިހެން ޑިވިޝަން ގުރޫޕް ބީގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު ތިންވަނަ މެޗުގައި ކުޑަހުވަދޫ ސްޕޯޓްސް ކުލަބު (ކޭއެސްސީ) އާއި ސަދަން ސްޕޯޓްސް ކުލަބު ވާދަކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކުޑަހުވަދޫ މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޑަހުވަދޫ އިން ކުޅުނު ފުރަތަމަ މެޗުގައި 2-0 ގެ ނަތީޖާއަކުން ޖީލަކަށް ސްޕޯޓްސް ޕާފޯމެންސް އެކަޑަމީ (އަސްޕާ) އަތުން މޮޅުވިއިރު، ދެވަނަ މެޗުގައި އެޓީމުން ވަނީ 2-0 ގެ ނަތީޖާއަކުން ސޮސައިޓީ ފޯ އެޑްވާންސްމެންޓް އެންޑް ރެކްރިއޭޝަން (ސްޓަރ) ބަލިކޮށްފައެވެ. އަދި ސަދަން ގެ ފުރަތަމަ މެޗުގައި 2-0 ގެ ނަތީޖާއަކުން ސްޓަރ އަތުން ބަލިވިއިރު، ދެވަނަ މެޗުގައި އަސްޕާ އަތުން އެޓީމު ބަލިވީ ވެސް 2-0 ގެ ނަތީޖާއަކުންނެވެ.
މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ކުޑަހުވަދޫ އިން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ ފުރަތަަމަ ސެޓް އެޓީމުން ކާމިޔާބުކުރީ 14 ލަނޑުގެ ބޮޑު ލީޑަކާއެކު 20-6 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި ދެވަނަ ސެޓުގައި އެޓީމުން 25 ލަނޑު ކާމިޔާބުކުރިއިރު، މިސެޓުގައި ސަދަންއަށް ކާމިޔާބުކުރެވުނީ އެންމެ ހަތަރު ލަނޑެކެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުޑަހުވަދޫގެ އަހުމަދު ނަހުޒާން ނަބީލް އެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކުޑަހުވަދޫ ސެމީފައިނަލުން ޖާގަހޯދިއިރު، މިމެޗުން ބަލިވި ސަދަން އިން މުބާރާތް ނިންމާލީ ކުޅުނު ތިން މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި ގުރޫޕްގެ ފުލުގައި އޮވެއެވެ.
7 މެއި 2025 އިން 15 މެއި 2025 ގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދާ މިމުބާރާތުގެ ފިރިހެން ޑިވިޝަނުގައި އަށް ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި އަށް ޓީމު ދެގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީފައިނަލަށް ހިވޭގޮތަށެވެ.
ޗެންޕިއަން ޓީމަށް 8،000 އަދި ރަނަރަޕް ޓީމަށް 4،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ މިމުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ގާފު އެވެ. މީގެ އިތުރުން މިމުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި މެމީ މޯލްޑިވްސް، ހޭންޑްބޯޅަ ނޭޝަން، ގަނޑުވަރު މޮބައިލް، އެޗްޑީސީ، އެޑިޓް ފެބްރިކޭޝަން އަދި މޮރޯ މޯލްޑިވްސް ހިމެނޭއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.
ގުޅުންހުރި

ހުޅު އަތުން ބަލިވި ނަމަވެސް ލަނޑުގެ ތަފާތުން ގުރޫޕްގެ އެއްވަނަ ޒެފާރސްއަށް

ސީދާ ދެ ސެޓުން ސަދަން ބަލިކޮށް ގުރޫޕްގެ އެއްވަނަ ކުޑަހުވަދޫ އިން ކަށަވަރުކޮށްފި

ފަސޭހަކަމާއެކު ވައްޓަފާޅި ބަލިކޮށް ގްރީން ސްޓްރީޓް އިން މުބާރާތް ނިންމާލީ މޮޅަކާއެކު
