
ޓީވައިއީއެސް ކަޓުވާލުމަށްފަހު ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ފިއޮންޓީ ސެމީއަށް
# ދިވެހި ކުޅިވަރު # ގާފު ބޮންތި ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025ޓީވައިއީއެސް އާއި ފިއޮންޓީ ވާދަކުރި މެޗުގެ ތެރެއިން..
މިހާރު ކުރިއަށްދާ ގާފު ބޮންތި ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025 ފިރިހެން ޑިވިޝަން ގުރޫޕް އޭގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު ފުރަތަމަ މެޗުގައި ފިއޮންޓީ ސްޕޯޓްސް އެކަޑަމީ އާއި ތުޅާދޫ ޔަންގ އީގަލް ސްޕޯޓްސް (ޓީވައިއީއެސް) ވާދަކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކޮށް ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ފިއޮންޓީ އިން ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މުބާރާތިގައި ގުރޫޕް ސްޓޭޖުގައި ފިއޮންޓީ ކުޅުނު ފުރަތަމަ މެޗުގައި 2-1 ގެ ނަތީޖާއަކުން ލާސާ އަތުން ބަލިވިއިރު، ދެވަނަ މެޗުގައި ޑޭޓޯނާ އަތުން އެޓީމު ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. އަދި ގުރޫޕް ސްޓޭޖުގައި ޓީވައިއީއެސް ކުޅުނު ފުރަތަމަ މެޗުގައި ޑޭޓޯނާ އަތުން 2-0 ގެ ނަތީޖާއަކުން ވަނީ ބަލިވި ނަމަވެސް ދެވަނަ މެޗުގައި އެޓީމުން ވަނީ 2-0 ގެ ނަތީޖާއަކުން ލާސާ ބަލިކޮށްފައެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓް އެއް ލަނޑުގެ ލީޑަކާއެކު 18-17 ގެ ނަތީޖާއަކުން ފިއޮންޓީ އިން ކާމިޔާބުކުރިއިރު، ދެވަނަ ސެޓް ވެސް އެޓީމުން ކާމިޔާބުކުރީ ދެ ލަނޑުގެ ލީޑަކާއެކު 18-16 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފިއޮންޓީގެ މުހައްމަދު އިޝާގު އެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ފިއޮންޓީއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި އެޓީމުން ވަނީ މުބާރާތުގެ ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އަދި މިމެޗުން ބަލިވި ޓީވައިއީއެސް އިން މުބާރާތް ނިންމާލީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ތިން ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ގުރޫޕްގެ ތިންވަނައިގައި އޮވެއެވެ.
7 މެއި 2025 އިން 15 މެއި 2025 ގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދާ މިމުބާރާތުގެ ފިރިހެން ޑިވިޝަނުގައި އަށް ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި އަށް ޓީމު ދެގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީފައިނަލަށް ހިވޭގޮތަށެވެ.
ޗެންޕިއަން ޓީމަށް 8،000 އަދި ރަނަރަޕް ޓީމަށް 4،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ މިމުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ގާފު އެވެ. މީގެ އިތުރުން މިމުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި މެމީ މޯލްޑިވްސް، ހޭންޑްބޯޅަ ނޭޝަން، ގަނޑުވަރު މޮބައިލް، އެޗްޑީސީ، އެޑިޓް ފެބްރިކޭޝަން އަދި މޮރޯ މޯލްޑިވްސް ހިމެނޭއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.
ގުޅުންހުރި

ހުޅު އަތުން ބަލިވި ނަމަވެސް ލަނޑުގެ ތަފާތުން ގުރޫޕްގެ އެއްވަނަ ޒެފާރސްއަށް

ސީދާ ދެ ސެޓުން ސަދަން ބަލިކޮށް ގުރޫޕްގެ އެއްވަނަ ކުޑަހުވަދޫ އިން ކަށަވަރުކޮށްފި

ފަސޭހަކަމާއެކު ވައްޓަފާޅި ބަލިކޮށް ގްރީން ސްޓްރީޓް އިން މުބާރާތް ނިންމާލީ މޮޅަކާއެކު
