%20(1)-1741884264466.webp&w=3840&q=75)
--
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރައްވައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޤާނޫނު ނަންބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމުގެ މަގާމަށް، އެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) އާއި 9 ވަނަ މާއްދާގެ (ހ) ގެ ދަށުން ގއ. ދެއްވަދޫ، ދޭލިޔާގެ އަލްފާޟިލް މުޙައްމަދު އަނަސް މިއަދު ޢައްޔަނުކުރައްވާފައިވާ ކަމަށެވެ.
ޕީސީބީގެ ރައީސް ކަމުގެ މަގާމަށް އައްޔަނުކުރި މުޙައްމަދު އަނަސް އަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މުޙައްމަދު އަނަސް މީގެ ކުރިން އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ނައިބުކަމާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަންގެ އޮޑިޓް މެނޭޖަރުކަމާއި މޯލްޑިވްސް ބިޒްނަސް ސްކޫލުގެ އެސޯސިއޭޓް ޕްރޮފެސަރކަމުގެ މަގާމު ވެސް ހިމެނެއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލެނިވެރި ފަރާތްކަމަށްވާ ޕީސީބީއަށް އައު ރައީސް އަކު އައްޔަނުކޮށްފައިވަނީ މިވަނީ އެމަގާމުގައި ކުރިން ހުންނެވި ހަމްދީ އަޤީލް މިދިޔަ މަހުގެ ތެރޭގައި ވަކިކުރެއްވުމާއި ގުޅިގެންނެވެ.