ފަސޭހަކަމާއެކު ލާސާ ބަލިކޮށް ޒެފިއަރސް އިން ސެމީގެ ފުރުސަތު ބޮޑުކޮށްފި
# ދިވެހި ކުޅިވަރު # ގާފު ބޮންތި ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025ޒެފިއަރސް އާއި ލާސާ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ ގާފު ބޮންތި ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025 އަންހެން ޑިވިޝަން ގުރޫޕް ބީގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު ހަތަރުވަނަ މެޗުގައި ލާމު އެޕެކްސް ސްޕޯޓްސް އެކަޑަމީ (ލާސާ) އާއި ޒެފިއަރސް ވާދަކުރި މެޗު ފަސޭހަކަމާއެކު ސީދާ ދެ ސެޓުން ކާމިޔާބުކޮށް ޒެފިއަރސް އިން ސެމީފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ.

މުބާރާތުގައި ޒެފިއަރސް ކުޅުނު ފުރަތަމަ މެޗުގައި ތުޅާދޫ ޔަންގް އީގަލް ސްޕޯޓްސް (ޓީވައިއީއެސް) އަތުން ސީދާ ދެ ސެޓުން މޮޅުވެފައިވާއިރު، ލާސާގެ ފުރަތަމަ މެޗުގައި ކުޅަބު ހުޅު އަތުން އެޓީމު ބަލިވީ ސީދާ ދެ ސެޓުންނެވެ.
މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ޒެފިއަރސް އިން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ ފުރަތަަމަ ސެޓް އެޓީމުން ކާމިޔާބުކުރީ 16 ލަނޑުގެ ބޮޑު ލީޑަކާއެކު 21-3 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި ދެވަނަ ސެޓުގައި އެޓީމުން 13 ލަނޑު ކާމިޔާބުކުރިއިރު، މިސެޓުގައި ލާސާއަށް ކާމިޔާބުކުރެވުނީ އެންމެ ފަސް ލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޒެފިއަރސް އައިޝަތު އާނާ ފަތުހުﷲ އެވެ.
މިނަތީޖާއެކު ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނައިގައި ޒެފިއަރސް އޮތްއިރު، މިމެޗުން ބަލިވި ލާސާ ކުޅުނު ދެމެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ފުލުގައެވެ.
މެއި 2025 އިން 15 މެއި 2025 ގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދާ މިމުބާރާތުގެ އަންހެން ޑިވިޝަނުގައި އަށް ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި އަށް ޓީމު ދެގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.
ޗެންޕިއަން ޓީމަށް 8،000 އަދި ރަނަރަޕް ޓީމަށް 4،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ މިމުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ގާފު އެވެ. މީގެ އިތުރުން މިމުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި މެމީ މޯލްޑިވްސް، ހޭންޑްބޯޅަ ނޭޝަން، ގަނޑުވަރު މޮބައިލް، އެޗްޑީސީ، އެޑިޓް ފެބްރިކޭޝަން އަދި މޮރޯ މޯލްޑިވްސް ހިމެނޭއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.