ރާއިދުގެ މޮޅު ކުޅުމާއެކު ފިއޮންޓީ އަތުން ޑޭޓޯނާއަށް ފަސޭހަ މޮޅެއް
# ގާފު ބޮންތި ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025# ދިވެހި ކުޅިވަރުފިއޮންޓީ އާއި ޑޭޓޯނާ ވާދަކުރި މެޗުގެ ތެރެއިން..
މިހާރު ކުރިއަށްދާ ގާފު ބޮންތި ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025 ފިރިހެން ޑިވިޝަން ގުރޫޕް އޭގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު ފުރަތަމަ މެޗުގައި ފިއޮންޓީ ސްޕޯޓްސް އެކަޑަމީ އާއި ޑޭޓޯނާ ވާދަކުރި މެޗު ފަސޭހަކަމާއެކު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޑޭޓޯނާ އިން ސެމީގެ ފުރުސަތު ބޮޑުކޮށްފިއެވެ.

މުބާރާތުގައި ޑޭޓޯނާ ކުޅުނު ފުރަތަމަ މެޗުގައި ސީދާ ދެ ސެޓުން ތުޅާދޫ ޔަންގް އީގަލް ސްޕޯޓްސް (ޓީވައިއީއެސް) އަތުން މޮޅުވިއިރު، ފިއޮންޓީގެ ފުރަތަމަ މެޗުގައި ލާމު އެޕެކްސް ސްޕޯޓްސް އެކަޑަމީ (ލާސާ) އަތުން އެޓީމު ބަލިވީ ދެ ސެޓް އެއް ސެޓުންނެވެ.
މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ޑޭޓޯނާ އިން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ ފުރަތަަމަ ސެޓް އެޓީމުން ކާމިޔާބުކުރީ ހަތަރު ލަނޑުގެ ލީޑަކާއެކު 15-11 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ ސެޓުގައި ޑޭޓޯނާ އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިސެޓު އެޓީމުން ކާމިޔާބުކުރީ އަށް ޕޮއިންޓްގެ ލީޑަކާއެކު 11-19 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޑޭޓޯނާގެ ރާއިދު ރަޝީދު އެވެ.
މިނަތީޖާއެކު ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަައިގައި ޑޭޓޯނާ އޮތްއިރު، މިމެޗުން ބަލިވި ފިއޮންޓީ ކުޅުނު ދެމެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ފުލުގައެވެ.
7 މެއި 2025 އިން 15 މެއި 2025 ގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދާ މިމުބާރާތުގެ ފިރިހެން ޑިވިޝަނުގައި އަށް ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި އަށް ޓީމު ދެގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީފައިނަލަށް ހިވޭގޮތަށެވެ.
ޗެންޕިއަން ޓީމަށް 8،000 އަދި ރަނަރަޕް ޓީމަށް 4،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ މިމުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ގާފު އެވެ. މީގެ އިތުރުން މިމުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި މެމީ މޯލްޑިވްސް، ހޭންޑްބޯޅަ ނޭޝަން، ގަނޑުވަރު މޮބައިލް، އެޗްޑީސީ، އެޑިޓް ފެބްރިކޭޝަން އަދި މޮރޯ މޯލްޑިވްސް ހިމެނޭއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.