ދެވަނަ މެޗުގައި ސްޓާރ އަތުން ކުޑަހުވަދޫއަށް ފަސޭހަ މޮޅެއް
# ދިވެހި ކުޅިވަރު # ގާފު ބޮންތި ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025ކުޑަހުވަދޫ އާއި ސްޓާރ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ ގާފު ބޮންތި ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025 ފިރިހެން ޑިވިޝަން ގުރޫޕް ބީގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު ތިންވަނަ މެޗުގައި ކުޑަހުވަދޫ ސްޕޯޓްސް ކުލަބާއި ސޮސައިޓީ ފޯ އެޑްވާންސްމެންޓް އެންޑް ރެކްރިއޭޝަން (ސްޓާރ) ކުޅުނު މެޗު ފަސޭހަކަމާއެކު ސީދާ ދެ ސެޓުން މޮޅުވެ ކުޑަހުވަދޫ އިން ސެމީފައިނަލްގެ ފުރުސަތު ބޮޑުކޮށްފިއެވެ.

މުބާރާތުގައި ކުޑަހުވަދޫ ކުޅުނު ފުރަތަމަ މެޗުގައި އާޖީލަކަށް ސްޕޯޓްސް ޕާފޯމެންސް އެކަޑަމީ (އަސްޕާ) އަތުން ސީދާ ދެ ސެޓުން މޮޅުވެފައިވާއިރު، ސްޓާރގެ ފުރަތަމަ މެޗުގައި އެޓީމުން ވަނީ ސީދާ ދެ ސެޓުން ސަދަން ސްޕޯޓްސް ކުލަބު ބަލިކޮށްފައެވެ.
މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ކުޑަހުވަދޫ އިން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ ފުރަތަަމަ ސެޓް އެޓީމުން ކާމިޔާބުކުރީ 19 ލަނޑުގެ ބޮޑު ލީޑަކާއެކު 7-26 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި ދެވަނަ ސެޓުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެމިގެންދިޔައިރު، ކުޑަހުވަދޫ އިން މިސެޓް ކާމިޔާބުކުރީ އަށް ލަނޑުގެ ލީޑަކާއެކު 11-19 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުޑަހުވަދޫގެ ފިރުޝާން މުހައްމަދު އެވެ.
މިނަތީޖާއެކު ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނާގައި ކުޑަހުވަދޫ އޮތްއިރު، މިމެޗުން ބަލިވި ސްޓަރ އިން ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ދެވަނައިގައެވެ.
7 މެއި 2025 އިން 15 މެއި 2025 ގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދާ މިމުބާރާތުގެ ފިރިހެން ޑިވިޝަނުގައި އަށް ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި އަށް ޓީމު ދެގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީފައިނަލަށް ހިވޭގޮތަށެވެ.
ޗެންޕިއަން ޓީމަށް 8،000 އަދި ރަނަރަޕް ޓީމަށް 4،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ މިމުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ގާފު އެވެ. މީގެ އިތުރުން މިމުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި މެމީ މޯލްޑިވްސް، ހޭންޑްބޯޅަ ނޭޝަން، ގަނޑުވަރު މޮބައިލް، އެޗްޑީސީ، އެޑިޓް ފެބްރިކޭޝަން އަދި މޮރޯ މޯލްޑިވްސް ހިމެނޭއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.