
ހާޒިމް ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު މައިލޯ ސިޓީން އާކް ބަލިކޮށްފި
# މަރަދޫ ސްޓްރީޓް ސޮކާ ޗެލެންޖް 2025# ދިވެހި ކުޅިވަރުމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު މައިލޯ ސިޓީގެ ހާޒިމް ފައުޒީ
މިހާރު ކުރިއަށްދާ "މަރަދޫ ސްޓްރީޓް ޗެލެންޖް 2025" ގުރޫޕް ޑީގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު ދެވަނަ މެޗުގައި މައިލޯ ސިޓީ އާއި އައްޑޫ އެއަރޕޯޓް ރެކްރިއޭޝަން ކުލަބު (އާކް) ވާދަކުރި މެޗު ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މައިލޯ ސިޓީން ފެށުން ރަނގަޅުކޮށްފިއެވެ.

މުޅި މެޗުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ދެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި ދެޓީމު އެއްވަރުވެފައި އޮވެ މެޗު ނިމެންދަނިކޮށް މައިލޯ ސިޓީ މިމެޗުން މޮޅުވި ލަނޑު އެޓީމުން ކާމިޔާބުކުރީ މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައެވެ.
މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ހާޒިމް ފައުޒީ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން މައިލޯ ސިޓީ ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކީ މައިލޯ ސިޓީގެ ހާޒިމް ފައުޒީ އެވެ.
6 މާރިޗު 2025 އިން 24 މާރިޗު 2025 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ 16 ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެ އެވެ.
ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މި މުބާރާތުގެ މެއިން ސްޕޮންސަރ އަކަށް ނައިން ސިކްސްޓީން އިންވެސްޓްމަންޓް ހަމަޖައްސާފައިވާއިރު، ކޯސްޕޮންސަރުންގެ ގޮތުގައި ނަޔާ ސެލޫން، އައި . އެން ޑެއިލީ ރޫމް އަދި އެމްޖީއެޗް އައިލެންޑް ޓްރާންސްޕޯޓް ޕްރައިވެޓް ލިމިޓެޑް ވާނީ ހަމަޖައްސާފައެވެ. އަދި މުބާރާތުގެ އޮފިޝަލް ޖާޒީ ޕާޓްނަރަކަށް މަލްހީ އެމްވީ ހަމަޖައްސާފައިވާއިރު، އޮފިޝަލް މެޗް ބޯލް ޕާޓްނަރަކީ މާކީއެމްވީ އެވެ. އަދި އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.