
ޔުރޮޕާ ލީގު: ޓޮޓެންހަމް ބަލިވިއިރު، ޔުނައިޓެޑް މެޗު އެއްވަރު
# ބޭރު ދުނިޔޭގެ ކުޅިވަރު# ޔުއެފާ ޔޫރޮޕާ ލީގު # މެންޗެސްޓަރ ޔުނައިޓެޑް# ރެއާލް ސޮސިއެޑާޑް # ޓޮޓެންހަމްރެއާލް ސޮސިއެޑާޑް އާއި މެންޗެސްޓާ ޔުނައިޓެޑް ވާދަކުރި މެޗުގެ ތެރެއިން...
ޔުއެފާ ޔޫރޮޕާ ލީގު ރައުން އޮފް 16 ފުރަތަމަ ލެގުގައި ބުރާސްފަތި ދުވަހުގެ ރޭ ރަށުން ބޭރުގައި މެންޗެސްޓާ ޔުނައިޓެޑުން ރެއާލް ސޮސިއެޑާޑް އާއި ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވިއިރު، އޭޒެޑް އަލްކްމާރު އަތުން 1-0 ގެ ނަތީޖާއަކުން ޓޮޓެންހަމް ބަލިވެއްޖެއެވެ.

ސޮސިއެޑާޑްގެ ދަނޑުގައި ޔުނައިޓެޑުން ކުޅުނު މެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ޔުނައިޓެޑުންނެވެ. މިލަނޑު ދެވަނަ ހާފުގެ 57 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖޯޝުއާ ޒިކްޒީއެވެ. އަދި ސޮސިއެޑާޑުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 70 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މިކޭލް އޮޔާޒަބާލް އެވެ.
މީގެ އިތުރުން ވެސް މިމެޗުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން މިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މުބާރާތުގެ ރައުން އޮފް 16 ފުރަތަމަ ލެގުގައި ޓޮޓެންހަމް އިން ނެދަލެންޑްސްގެ އަލްކަމާރުގެ ދަނޑުގައި ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން ޓޮޓެންހަމް ބަލިވި މެޗުގައި އޭޒެޑް އަލްކްމާރުން ކާމިޔާބުކުރި ހަމައެކަނި ލަނޑަކީ ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ލޫކަސް ބާގްވަލް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް އިން ވެސް ދެވަނަ ލެގުގެ މެޗު އަމިއްލަ ދަނޑުގައި ކުޅެންޖެހޭއިރު، މިދެމެޗު ވެސް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭ އެވެ.