logoEN
Sto top
ސީދާ ތިންސެޓުން އަލްޓަނޭޓް ބަލިކޮށް ޔޫޓީ އިން ފައިނަލްގެ ފުރުސަތު ބޮޑުކޮށްފި

ސީދާ ތިންސެޓުން އަލްޓަނޭޓް ބަލިކޮށް ޔޫޓީ އިން ފައިނަލްގެ ފުރުސަތު ބޮޑުކޮށްފި

ހަސަން ޝަމްއޫން

logo

3/6/2025, 11:15:00 PM

# ދިވެހި ކުޅިވަރު # ކުޑަހުވަދޫ ކައުންސިލް ވޮލީބޯޅަ މުބާރާތް 2025

އަލްޓަނޭޓް އާއި ކުލަބު ޔޫޓީ ވާދަކުރި މެޗުގެ ތެރެއިން..

މިހާރު ކުރިއަށްދާ ކުޑަހުވަދޫ ކައުންސިލް ވޯލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ބުރާސްފަތި ދުވަހުގެ ރޭ އަލްޓަނޭޓް އާއި ކުލަބު ޔޫޓީ ވާދަކުރި މެޗު ފަސޭހަކަމާއެކު ސީދާ ތިން ސެޓުން މޮޅުވެ ޔޫޓީ އިން ފައިނަލްގެ ފުރުސަތު ބޮޑުކޮށްފިއެވެ.

Wamco

މުބާރާތުގައި ޔޫޓީ ކުޅުނު ފުރަތަމަ މެޗުގައި ކުލަބު ޕީކޭ އަތުން ތިން ސެޓް އެއްސެޓުން އެޓީމު މޮޅުވެފައިވާއިރު، އަލްޓަނޭޓްގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެންޕިއަން ވިދުވަރު އަތުން ސީދާ ތިން ސެޓުން އެޓީމު ވަނީ ބަލިވެފައެވެ.

މުޅި މެޗުގައިވެސް ޔޫޓީގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަަމަ ސެޓް ތިން ޕޮއިންޓްގެ ލީޑަކާއެކު 22-25 ގެ ނަތީޖާއަކުން އެޓީމުން ކާމިޔާބުކުރިއިރު، ދެވަނަ ސެޓު ޔޫޓީ އިން ކާމިޔާބުކުރީ 13 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 12-25 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

މީގެ އިތުރުން މެޗުގެ ތިންވަނަ ސެޓް ހަ ޕޮއިންޓްގެ ލީޑަކާއެކު 19-25 ގެ ނަތީޖާއަކުން ކުލަބު ޔޫޓީ ކާމިޔާބުކުރިއިރު، މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމު އިސްމާއިލް ސާޖިދު އެވެ.

މިނަތީޖާއެކު ކުޅުނު ދެމެޗުން ކުލަބު ޔޫޓީއަށް ހަ ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގުބުރުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި އަލްޓަނޭޓް ކުޅުނު ދެމެޗުން ވެސް ބަލިވެފައިވާއިރު، ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ލީގުތާވަލުގެ ފުލުގައެވެ.

4 މެއި 2025 އިން 10 މެއި 2025 ގެ ނިޔަލަށް ކުރުއަށްދާ މިމުބާރާތުގެ ފިރިހެން ޑިވިޝަނުގައި މިއަހަރު ހަތަރު ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside