
މެލޭޝިއާއިން ގެއްލިގެން ހޯދަމުންދާ އުސެއިދު އެމްބަސީއަށް ދިޔަ: އަދިވެސް އާއިލާއާއި ދިމާނުވޭ!
# ރާއްޖެ - މެލޭޝިއާ--
މެލޭޝިއާއިން ގެއްލިގެން ހޯދަމުން އަންނަ ދިވެހި މީހާ އޭނާ ގެއްލިގެން ހޯދަން ފެށި ފަހުން އެ ގައުމުގައި ހުންނަ ދިވެހި އެމްބަސީއަށް ދިޔަ ކަން އެނގިއްޖެ އެވެ.

މިދިޔަ އާދީއްތަ ދުވަހުން ފެށިގެން މެލޭޝިއާއިން ގެއްލިގެން ހޯދަމުން ދަނީ އަހްމަދު އުސެއިދު ނަމަކަށް ކިޔާ ދިވެއްސެކެވެ.
އުސެއިދު ގެއްލުނުތާ މިއަދަށް 3 ދުވަސް ވެފައިވާއިރު މިއަދު އޭނާގެ ބައްޕަ އިބްރާހިމް އަފީފް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އުސެއިދު އެންމެ ފަހުން ފެނިފައިވަނީ އާދިއްތަ ދުވަހުގެ ހަވީރު މެލޭޝިއާ ގަޑިން 3:15 ހާއިރު ކަމަށެވެ. އެގޮތުން އޭގެ ފަހުން އެއްވެސް ހަބަރެއް ނުވެގެން ފުލުހަށާއި މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީއަށް އާއިލާގެ ފަރާތުން މައްސަލަ ހުށަހެޅި އެވެ. އެ ރިޕޯޓާ އެކު އުސައިދު ހޯދުމުގެ މަސައްކަތް ދިޔައީ ކުރަމުން ކަމަށާއި އޭނާ ހޯދުމަށް ކުރި މަސައްކަތުން ސީސީޓީވީ ފުޓޭޖުތަކުންނާއި ބައެއް މީހުން ދިން މައުލޫމާތުތަކުން އުސައިދު އެ ދުވަހުގެ 4 ޖެހިއިރު އެމްބަސީއަށް ދިޔަ ކަން މިހާތަނަށް އެނގިފައިވާ ކަމަށް ބައްޕަ ބުނެފައި ވެއެވެ.
ނަމަވެސް އެ ދުވަހަކީ ބަންދު ދުވަހަކަށްވާތީ އެމްބަސީގެ މީހަކާ ބައްދަލުވާ ގޮތެއް ނުވުމުން އެ ތަނުގައި ގަޑިއިރެއްހާއިރު މަޑުކޮށްފައި ނުކުމެގެން ދިޔައިރު އުސައިދުގެ ވޮލެޓާއި ސްޓޫޑެންޓް ކާޑު ވަނީ އެމްބަސީގައި ބޭއްވިފައި ކަމަށާއި މިއަދުގެ ވަގުތެއްގައި އުސައިދުގެ ވޮލެޓާއި ކާޑް އެމްބަސީން ފުލުހުން މެދުވެރިކޮށް އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ބައްޕަގެ ޕޯސްޓުގައި ބުނެފައި އެވެ.
އަދި ސީސީޓީވީ ފުޓޭޖުން އުސެއިދު ހުރީ ހެޔޮހާލުގައިކަން މިހާރު ކަށަވަރުކުރެވިފައިވާ ކަމަށާއި ނަމަވެސް އަދި މިހާތަނަށް އާއިލާއާއި އޭނާ ދިމާވެފައި ނުވި ނަމަވެސް ދާދި އަވަހަށް އޭނާއާއި ދިމާވާނެ ކަމަށް އުންމީދު ކުރާ ކަމަށް ވަނީ ބުނެފައި އެވެ.
އުސެއިދުގެ ބައްޕަ އިބްރާހިމް އަފީފް ވަނީ އުސައިދު ހޯދުމަށް ފުލުހުންނާއި އެމްބަސީން އަދި އާންމުންގެ ގިނަ ބަޔަކު ވެސް ވެދިން އެހީއަށް ޝުކުރުއަދާކޮށްފަ އެވެ.
އުސެއިދު ގެއްލުނު ދުވަހު ކުއްލި ގޮތަކަށް އެމްބަސީއަށް ދިޔަ ސަބަބެއް އަދި މިހާތަނަށް ހާމަވެފައި ނުވެއެވެ. އާދިއްތަ ދުވަހަކީ މެލޭޝިއާއަށް ރަސްމީ ބަންދު ދުވަހަކަށް ވެފައި އެދުވަހު ދިވެހި އެމްބަސީ ބަންދެވެ.
ގެއްލިގެން ހޯދަމުންދާ އުސެއިދު އަކީ މެލޭޝިއާގެ ކޮލެޖެއްގައި ތައުލީމު ހާސިލްކުރަމުންދާ ޒުވާނެކެވެ.
ގުޅުންހުރި

މެލޭޝިޔާގައި ދިރިއުޅޭ ދިވެހި ކުދީންނަށް އަމާޒުކޮށްގެން ޤުރުއާން މުބާރާތެއް ބާއްވައިފި

މެލޭޝިއާއިން ގެއްލިގެން ހޯދަމުންދާ އުސެއިދު އެމްބަސީއަށް ދިޔަ: އަދިވެސް އާއިލާއާއި ދިމާނުވޭ!

މެލޭޝިއާއިން ދިވެއްސަކު ގެއްލިގެން ހޯދަނީ
