
ރާއްޖޭގެ ތިންވަނަ ކްލައިމެޓް އެކްޝަން ޕްލޭން އ.ދގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުޢާހަދާއަށް ހުށަހަޅައިފި
# އެންވަޔަރަމަންޓް މިނިސްޓްރީ--
ދިވެހިރާއްޖެއިން އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އޮނިގަނޑު (ޔޫއެންއެފްސީސީސީ) އަށް ތިންވަނަ ނޭޝަނަލް ޑިޓަރމައިންޑް ކޮންޓްރިބިއުޝަން (އެންޑީސީ) ހުށަހަޅައިފިއެވެ.

ތިންވަނަ ކްލައިމެޓް އެކްޝަން ޕްލޭން ހުށަހެޅި ފުރަތަމަ 17 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭއިރު، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން މި ޕްލޭން ހުށަހެޅި ހަތަރު ވަނަ ގައުމަކީ ރާއްޖެ އެވެ.
މިއީ ބައިނަލްއަޤްވާމީ މައިދާނުގައި ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަހުލުވެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމުގައި ދިވެހިރާއްޖޭގެ އިސްނަގާކަން ދައްކުވައިދޭ ކަމެކެވެ. މިޕްލޭން ހުށަހެޅުމަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް 2035 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ތަޞައްވުރު ކަނޑައަޅައި، އަޅާނެ ފިޔަވަޅުތައް ދެނެގަތުމަށް މުހިންމު ކަމެކެވެ.
މި ޕްލޭންއަކީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ޔޫ.އެން.އެފް.ސީ.ސީ.ސީގެ ޕެރިސް އެގްރީމެންޓްގެ ދަށުން ކޮންމެ ޤައުމަކުންވެސް ފަސް އަހަރަކުން އެއް އަހަރު ހުށަހަޅަންޖެހޭ ޕްލޭންއެކެވެ. މި ޕްލޭންގައި މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކަށް ބިނާކޮށް 2035 ވަނަ އަހަރުގެ ނިޔަލަށް ޖައްވަށް ބޭރުކުރާ ވިހަގޭހުގެ މިންވަރު މަދުކުރުމަށް ކުރިއަށް ވުރެ ހަރުދަނާ މަސައްކަތްތަކެއް އަދި އައު ލަނޑުދަނޑިއެއް ވަނީ ކަނޑައަޅާފައެވެ. މިގޮތުން، ހަކަތައިގެ ދާއިރާއިންނާއި، ދަތުރުފަތުރުގެ ދާއިރާ އަދި ކުނި މެނޭޖްކުރުމުގެ ދާއިރާތަކުން ޖައްވަށް ބޭރުކުރާ ވިހަ ގޭސް މަދުކުރުމަށް ކުރެވޭނެ މަސައްކަތްތައް ވަނީ ބަޔާންކޮށްފައެވެ. ދިވެހިރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ޖައްވަށް ވިހަ ގޭސް ބޭރުކުރާ މިންވަރު ކުޑަ ގައުމެއް ކަމުގައިވިޔަސް، ރާއްޖޭގެ އައު ކްލައިމެޓް އެކްޝަން ޕްލޭންގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަކީ ވަރަށް އުންމީދީ ލަނޑުދަނޑިތަކެކެވެ. ނަމަވެސް، މި ލަނޑުދަނޑިތައް ޙާޞިލުކުރެވޭނީ މި ޕްލޭން ތަންފީޒުކުރުމަށް ބޭނުންވާ މިންވަރަށް މާލީ، ޓެކްނޯލޮޖީ، އަދި މި ކަން ތަންފީޒްކުރުމަށް ބޭނުންވާ މީހުން ބިނާކުރުމުގެ އިތުރުން އެހެނިހެން ވަސީލަތްތައް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފަރާތުން ލިބިގެންނެވެ.
މީގެ އިތުރުން މި ޕްލޭންގައި، މޫސުމަށް އަންނަ ބަދަލުތަކުން ދިމާވާ ނޭދެވޭ އަސަރުތަކަށް ހޭނުން އިތުރުކުރުމަށާއި ރާއްޖޭގެ ވިލުންތެރިކަން އިތުރުކުރެވޭނެ ގޮތްތަކުގެ މައްޗަށް ބިނާކޮށް ސިޔާސަތުތަކެއް ވަނީ އެކުލަވާލާފައެވެ. މިގޮތުން، ދަނޑުވެރިކަމާއި ހަކަތައާއި ކާބޯތަކެއްޗާއި ފެނުގެ ޔަޤީންކަން، އިންފްރާސްޓްރަކްޗަރގެ ވިލުންތެރިކަން، ރަށް ގިރުމުގެ ސަބަބުން ދިމާވާ މައްސަލަތަށް ފިޔަވަޅު އެޅުން، އާންމުންނަށް ދުޅަހެޔޮ ސިއްހަތެއް ބިނާކުރުން، ފަރުތަކާއި ދިރޭތަކެތީގެ ނަސްލު ރައްކާތެރިކުރުން، ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތްތައް ވަރުގަދަކުރުން، ދުރާލާ އިންޒާރުދޭ ނިޒާމާއި މޫސުމަށް އަންނަ ބަދަލު މޮނިޓަރކުރުން، ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި މެނޭޖްކުރުން، އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ އިއާދަނުކުރެވޭ ގެއްލުން ފަދަ މުހިންމު ދާއިރާތަކުން ސިޔާސަތުތަކެއް ވަނީ ހުށަހަޅާފައެވެ.
މި އެކްޝަން ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށް، ތަރައްގީގެ ޕްލޭންތަކާއި އެކި ދާއިރާތަކާއި ސިނާއަތްތަކުން އިސްކަންދޭ ކަންތައްތަކުގެ މައްޗަށް ބިނާކޮށެވެ. މިގޮތުން ސަރުކާރުގެ މުއައްސަސާތަކާއި މަދަނީ، ވިޔާފާރި އަދި ޒުވާނުންގެ ޖަމްޢިއްޔާ ޖަމާއަތްތަކާއި ޕްރައިވެޓް ސެކްޓަރއާއެކު ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ފުޅާ ދާއިރާއެއްގައި މަޝްވަރާތައްކޮށް އެ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ މަސައްކަތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ރާއްޖޭގެ ތިންވަނަ ކްލައިމެޓް އެކްޝަން ޕްލޭންއަކީ ރައްޔިތުން ރައްކާތެރިކޮށް، ތިމާވެށި ހިމާޔަތްކޮށް، ކުރިއަށް އޮތް ޖީލުތަކަށް ދެމެހެއްޓެނިވި މުސްތަޤްބަލެއް ވާސިލުކުރުމަށް ދިވެހިރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތައް ރަމްޒުކޮށްދޭ ޕްލޭންއެކެވެ.
ގުޅުންހުރި

ވޯލްޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ސަމިޓުގައި ރާއްޖެއިން ބައިވެރިވެއްޖެ

ސަރަޙައްދީ 3އާރު އަދި ސަރކިއުލަރ އިކޮނޮމީ ފޯރަމްގައި ރާއްޖެއިން ބައިވެރިވެއްޖެ

ރާއްޖޭގެ ތިންވަނަ ކްލައިމެޓް އެކްޝަން ޕްލޭން އ.ދގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުޢާހަދާއަށް ހުށަހަޅައިފި
