
--
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ކޮންމެ ގޭބިސީއަކަށްވެސް ރޯދައަށް ހަދިޔާކުރާ މަސްދަޅު ކޭސް ދޫކުރާ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.

މަސްކޭސް ދޫކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯއިން މިއަދު ބުނީ މާދަމާރާއިން ރެއިން ފެށިގެން މަސްދަޅު ކޭސް ދޫކުރާ ގަޑިތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މާދަމާއިން ފެށިގެން މަސްކޭސް ދޫކުރަން ހަމަޖެހިފައިވަނީ ރޭގަނޑު 2130 އިން ފެށިގެން ރޭގަނޑު 23:30 އަށް ކަމަށެވެ.
ނަމަވެސް މީލާދީ ކަލެންޑަރު ބުނާގޮތުން ނަމަ ރަމަޟާން މަހަކީ މާޗު މަހުގެ 1 ވަނަ ދުވަސް ކަމުން އެދުވަހު މަސް ކޭސް ދޫކުރަން ހަމަޖެހިފައިނުވާކަމަށް އެސްޓީއޯން ވަނީ ހާމަކޮށްފައި އެވެ.
ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދެއްވާ މަސްކޭސް މާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ބެއްސުވުމުގެ ކަންކަން، މި މަހުގެ 20 ވަނަ ދުވަހުގެ ރޭ ފެށިގެން ދިޔަ އިރު، ރައްޔިތުންނަށް އުފުލަން ޖެހުނު ތަކުލީފުތައް ކުޑަކުރުމަށް ޓަކައި ހަރުދަނާ އުޞޫލްތަކެއް ކަނޑައަޅުއްވައި ރޭގައި ވަނީ ފަސޭހަ އިންތިޒާމްތަކެއްގެ ތެރޭން މަސްކޭސް ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވައިފައެވެ.
އެ ގޮތުން ކޮންމެ މަރުކަޒަކަށް ދޫކުރާ ޓޯކަންގެ ޢަދަދު ރެޔަށް ވުރެ އިތުރުކުރައްވާނެ ކަމަށާއި، މިހާރު ޓޯކަން ނަންގަވައިފައިވާ ފަރާތްތަކުގެ ތެރެއިން، ފަހުގެ ތާރީޚަކަށް ޓޯކަން ލިބިލައްވައިފައިވާ ފަރާތްތަކަށް ތާރީޚު އަވަސްކޮށް، ރީޝެޑިއުލްކުރުމުގެ ފުރުޞަތު ލިބިލައްވާނެ ކަމަށާއި، އަދި ޓޯކަން ނެގުން ފަދަ ކަމެއްގައި ޙައްލުކޮށްލަން ޖެހޭ ފަދަ ކަމެއް ކުރިމަތިވާ ފަރާތްތަކަށް އެއް ދިމާއަކުން އެ ކަމަށް އަޅައިލައި، އެ ކަން ޙައްލު ކުރެވޭނެ އިންތިޒާމު ވެސް ހަމަޖައްސަވައިދެއްވާނެ ކަމަށް ވަޒީރު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ. މީގެ އިތުރުން މިރޭ ޓޯކަން ދޫކުރަން ފަށާއިރު، މިހާރު ޓޯކަން ލިބިފައިވާ ފަރާތްތަކަށް ހަމަ އެ ޓޯކަންއަށް މަސްދަޅު ކޭސް ލިބިލައްވާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
ސަރުކާރުގެ އަމާޒަކީ ރޯދަމަހުގެ ކުރިން ހުރިހައި ފަރާތްތަކަށް ރޯދަ ހަދިޔާ ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށްވުމާއެކު، ހުރިހައި ގޭބިސީއަކަށް ލިބެންދެން މި މަސައްކަތް ކުރިޔަށްދާނެކަމުގެ ޔަޤީންކަން ވެސް ވަޒީރުކުރެއްވި ޕޯސްޓުގައި ދެއްވައިފައި ވެއެވެ.
ރޯދަ ހަދިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ވަޢުދުފުޅެއްގެ ގޮތުގައި މި ދިޔަ އަހަރުން ފެށިގެން، ދިވެހި އެންމެހައި ރައްޔިތުންނަށް ސަރުކާރުން ދެއްވަން ފެއްޓެވި ހަދިޔާއެކެވެ.