
ގޮދޮރުވެރިޔާ ސްކީމުގެ ފްލެޓުތައް: ދެކޮޓަރި އެޕާޓްމެންޓު ކުއްޔަށް ދޭނީ 7,000 އަށް, ތިން ކޮޓަރި 9,000 އަށް!
# ގެދޮރުވެރިޔާ--
ކުރީ ސަރުކާރުން ކުރިޔަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމް ފްލެޓުތަކުން ނަގާ ކުލި ބޮޑު ކޮށްފައިވާކަން ސަރުކާރުން ހާމަކޮށްފި އެވެ.

ސަރުކާރުން މިކަން ހާމަކުރީ މި ފްލެޓުތައް ލިބޭ ފަރާތްތަކުގެ އައު ލިސްޓު މިއަދު އާންމުކުރުމުގެ ކުރިން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ. ކުރީ ސަރުކާރުން، ދެ ކޮޓަރީގެ އެޕާޓްމެންޓަށް ކަނޑައަޅައިފައިވަނީ ކުލީގެ ގޮތުގައި 5،000 ރުފިޔާ ކަމަށްވާއިރު، ތިން ކޮޓަރީގެ އެޕާޓްމެންޓަށް ކަނޑައަޅައިފައިވަނީ 7،000 ރުފިޔާ އެވެ.
މިއަދުގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވިދާޅުވީ ކުރީ ސަރުކާރުން މި ފްލެޓުތައް ކުއްޔަށް ދޭން ކަނޑައެޅި އަދަދު ތަކަކީ ދައުލަތުން ލޯނު ދައްކަން ޖެހޭ ފައިސާއަށް ބަލައި، އެސެސްމެންޓް ހަދައިފައި ކަނޑައަޅައިފައި ހަދައިފައި ހުރި އަދަދުތަކެއް ނޫން ކަމަށާއި މިހާތަނަށް ކުރިއަށްގެންގޮސްފައި ހުރި މަޝްރޫއުތަކުން ނަގަން ކަނޑައަޅައިފައި ހުރި އަދަދަށް ބަލާ ވެސް ކަނޑައަޅާފައި ހުރި އަދަދުތަކެއް ނޫން ކަމަށެވެ.
މިގޮތުން އެފްޑީސީގެ ހިސާބުތަކަށް ބަލާއިރު ލޯނު ދެއްކުމަށް ބޭނުންވާ ފައިސާ ދެއްކުމަށްޓަކައި ތިން ކޮޓަރީގެ ފްލެޓަކުން 13,000 ރުފިޔާ އާއި ދެކޮޓަރީގެ ފްލެޓަކުން 9,000 ރުފިޔާ ނަގަން ޖެހޭ ކަމަށެވެ. އެހެންކަމުން ސަރުކާރުން މިކަމަށް ސަބްސިޑީޒް ދިނުމަށްފަހު ދެކޮޓަރީގެ ފްލެޓަކުން 7,000 ރުފިޔާ އާއި ތިން ކޮޓަރީގެ ފްލެޓަކުން 9,000 ރުފިޔާ ނެގުމަށް މިހާރު ނިންމާފައިވާ ކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ.
އެގޮތުން ދެކޮޓަރީގެ ފްލެޓަކަށް މަހަކު 7,000 ރުފިޔާ އާއި މެއިންޓަނެންސް ފީއަކަށް މަހަކު ދައްކަން ޖެހޭނީ 1,000 ރުފިޔާ ކަމަށް މިނިސްޓަރު ވިދާޅުވި އިރު ތިން ކޮޓަރީގެ ފްލެޓަކަށް ދައްކަން ޖެހޭނީ މަހަކު 9,000 ރުފިޔާ އަދި މެއިންޓަނެންސް ފީއަކަށް ދައްކަން ޖެހޭނީ 1,500 ރުފިޔާ ކަމަށެވެ. މިއާއި އެކު ދެކޮޓަރީގެ އެޕާޓްމެންޓަކަށް މަހު ކުއްޔާއި މެއިންޓެނެންސް ފީ އާއި އެކު ޖުމުލަ 8,000 ރުފިޔާ އަދި ތިންކޮޓަރީގެ ފްލެޓަކަށް މަހު ކުއްޔާ މެއިންޓެނެންސް ފީއާއި އެކު ޖުމުލަ 10,500 ރުފިޔާ ދައްކަން ޖެހޭނެ އެވެ.
އަދި ދެ ކޮޓަރީގެ އެޕާޓްމެންޓުތަކަށް ޑައުން ޕޭމަންޓުގެ ގޮތުގައި 15,000 ރުފިޔާ ދައްކަން ޖެހޭއިރު ތިން ކޮޓަރީގެ އެޕާޓްމެންޓަކަށް ޑައުން ޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހޭނީ 25,000 ރުފިޔާއެވެ.
މިނިސްޓަރު ވިދާޅުވީ މި އަގުތައް މިފަދައިން ކަނޑައަޅާފައިމިވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަންޖެހޭނީ ދައުލަތުގެ ބަޖެޓަށް ބުރަ ނުވާ ގޮތަކަށް ކަމަށް ވުމާއި އެކު ދެމެހެއްޓެނެވި ގޮތެއްގައި މިފަދަ މަޝްރޫއުތައް ކުރިޔަށް ގެންދިޔުމަށްޓަކައި ކަމަށެވެ.








