
ރޮނާލްޑޯ އަދި މާނޭގެ ލަނޑުތަކާއެކު އަލް ނަސްރު ތިންވަނައަށް
# ބޭރު ދުނިޔޭގެ ކުޅިވަރު# ސައުދީ ޕްރޮފެޝަނަލް ލީގު# އަލް ވެހްދާ # އަލް ނަސްރުރޮނާލްޑޯ އަދި މާނޭ އަލް ވެހްދާ ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ
ސައުދީ ޕްރޮފެޝަނަލް ލީގުގައި އަންގާރަ ދުވަހުގެ ރޭ ރަށުން ބޭރުގައި އަލް އަލް ވެހްދާ 2-0 ގެ ނަތީޖާއަކުން ބަލިކޮށް އަލް ނަސްރުން ލީގު ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ލީގުގައި އަލް ނަސްރު އެންމެ ފަހުން ކުޅުނު މެޗުގައި އަލް އިއްތިފާގް އަތުން 3-2 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، އަލް ވެހްދާ އެންމެ ފަހުން ކުޅުނު މެޗުގައި އަލް ޚްލޫދު އަތުން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އަލް ނަސްރު އެވެ.
އަނިޔާއި ސަސްޕެންޝަންގެ ސަބަބުން މުހިންމު ގިނަ ކުޅުންތެރިން ތަކަކާއި ނުލައި އަލް ނަސްރުން މެޗު ފެށިއިރު، މެޗުގެ ވަރަށް ކުރީކޮޅު އެޓީމުގެ ސްޕެނިޝް ޑިފެންޑަރ އެމެރިކް ލަޕޯޓަށް އަނިޔާވެ ވަނީ ބަދަލުކުރަންޖެހިފައެވެ. އަދި މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް މާރަނގަޅު ހުސް ފުރުސަތުތަކެއް ތަނަވަސްކުރެވިފައި ނުވާއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ބަދަލުތަކަކާއެކު އަލް ނަސްރުން ފެށިއިރު، އެޓީމުން ވަނީ މިހާފުގައި ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑުހޯދާފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނިކުތް ބުރެޒިލްގެ ޒުވާން ފޯވާޑް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިއީ ލީގުގައި އެންމެ ފަހުން ކުޅުނު 21 މެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި 17 ވަނަ ލަނޑެވެ. އަދި މީގެ އިތުރުން މިއީ އުމުރުން 40 އަހަރު ރޮނާލްޑޯގެ ފުޓްބޯޅަ ކެއިއަރުގައި އޭނާ ކާމިޔާބުކުރި 925 ވަނަ ލަނޑެވެ.
އަލް ނަސްރުން ލީޑު ފުޅާކުރި ލަނޑު މެޗުގެ އިތުރު ވަގުތެރޭގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ސަޑިއޯ މާނޭއެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 22 މެޗުން އަލް ނަސްރަށް 47 ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލިގުތާވަލުގެ ތިންވަނައިގައެވެ. އަދި މިމެޗުން ބަލިވި އަލް ވެހްދާ އިން ލީގުގައި ކުޅުނު 22 މެޗުން ލިބުނު 13 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ފުލުގައެވެ.