
ކޮޕާ ޑެލްރޭ: ސެމީގެ ފުރަތަމަ ލެގުގައި އެތްލެޓިކޯ މެޑްރިޑުން ބާސެލޯނާ މޮޅުވިޔަނުދީ ހިފަހައްޓައިފި
# ބާސެލޯނާ# އެތްލެޓިކޯ މެޑްރިޑް# ކޮޕާ ޑެލްރޭ # ބޭރު ދުނިޔޭގެ ކުޅިވަރުއެތްލެޓިކޯ މެޑްރިޑާއި ބާސެލޯނާ ވާދަކުރި މެޗުގެ ތެރެއިން...
ކޮޕާ ޑެލަރޭ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލް ފުރަތަމަ ލެގުގައި އަންގާރަ ދުވަހުގެ ރޭ ރަށުން ބެރުގައި އެތްލެޓިކޯ މެޑްރިޑާއި ބާސެލޯނާ ވާދަކުރި މެޗު 4-4 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.

މުބާރާތުގެ ސެމީފައިނަލުން އެތްލެޓިކޯ މެޑްރިޑް ޖާގަހޯދީ ކުއާޓާ ފައިނަލުގައި 5-0 ގެ ނަތީޖާއަކުން ގެޓާފޭ ބަލިކުރުމަށްފަހު އެވެ. އަދި ބާސެލޯނާ ސެމީފައިނަލުން ޖާގަހޯދީ ކުއާޓާ ފައިނަލުގައި 5-0 ގެ ނަތީޖާއަކުން ވެލެންސިއާ ބަލިކުރުމަށްފަހު އެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެތްލެޓިކޯ މެޑްރިޑެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އެތްލެޓިކޯ މެޑްރިޑުންނެވެ. މިލަނޑު މެޗު ފުރަތަމަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ޖޫލިއަން އަލްވަރޭޒްއެވެ. އަދި އޭގެ ފަސްމިނެޓްފަހުން އަލްވަރޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ގްރިޒްމަން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.
ބާސެލޯނާ އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޕެޑްރީ އެވެ. އަދި އޭގެ ތިންމިނެޓު ފަހުން ޒުވާން ޑިފެންޑަރު ޕައު ކުބާސީ ވަނީ އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި ބްރެޒިލްގެ ފޯވާޑް ފޯވާޑް ރަފީނިއާ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިމެޗުގައި ބާސެލޯނާއިން ލީޑުހޯދީ ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު އިނީގޯ މާޓިނޭޒް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފަހުހާފުގެ 74 ވަނަ މިނެޓުގައި ބާސެލޯނާ އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް، ތަޖުރިބާކާރު ފޯވާޑް ރޮބަޓް ލެވަންޑޮސްކީ އެވެ.
ބާސެލޯނާ އިން ދެލަނޑުގެ ލީޑެއް ނެގުމާއެކު އެތްލެޓިކޯ މެޑްރިޑުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ފަހުހާފުގެ 84 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މާކޯސް ލޮރެންޓޭ އެވެ.
އެތްލެޓިކޯ މެޑްރިޑުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު މެޗުގެ އިތުރުވަގުތުގެ ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ނޯވޭގެ ފޯވާޑް އެލެގްޒެންޑަރ ސްލޮތް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-4 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މިދެޓީމުގެ މެދުގައި ކުޅެވޭ ސެމީފައިނަލް ދެވަނަ ލެގުގެ މެޗު އެޕްރީލް 3 ގައި އެތްލެޓިކޯ މެޑްރިޑްގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާއިރު، އޭގެ ކުރިން މިމަގުގެ 17 ވަނަ ދުވަހު ލީގުގައި މިދެޓީމު ވާދަކުރާނެއެވެ.