
ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ތިމާވެށި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި ޤާނޫނު ތަންފީޒުކުރުން ހަރުދަނާކުރުމަށް މަޝްވަރާކޮށްފި
# ފަތުރުވެރިކަމާ ބެހޭ ވުޒާރާ--
ފަތުރުވެރިންގެ ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމާއި، ތިމާވެށި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި ޤާނޫނު ތަންފީޒުކުރުން ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް މިނިސްޓަރ ޠާރިޤް އިބްރާހީމް މިއަދު ޕޮލިސް ކޮމިޝަނަރާއި އެމްއެންޑީއެފްގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ މިނިސްޓްރީން މިއަދު ބުނީ މި ބައްދަލުވުމުގައި ފަތުރުވެރިންގެ ރައްކާތެރިކަމާ ގުޅޭގޮތުން މިހާރު އަޅަމުންދާ ފިޔަވަޅުތައް މުރާޖަޢާކޮށް، އިތުރަށް ފުރިހަމަކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށާއި އަދި ތިމާވެށި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި ޤާނޫނު ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި، މިކަން އިތުރަށް ހަރުދަނާކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނު ކަމަށެވެ.
އެގޮތުން މި ބައްދަލުވުމުގައި މިނިސްޓަރ ޠާރިޤް އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި ފަތުރުވެރިކަމަކީ ދިވެހީންގެ އިޤްތިޞާދުގެ މައިގަނޑު ތަނބުކަމަށްވާތީ، ފަތުރުވެރިންގެ ރައްކާތެރިކަމަކީ އެންމެ އިސްކަމެއް ދޭންޖެހޭ ކަން ފާހަގަކުރައްވައި ތިމާވެށި ރައްކާތެރިކުރުމަކީވެސް ވަރަށް މުހިންމުކަމާއި އެކު މި ދެކަމުގައިވެސް ޕޮލިހާއި އެމްއެންޑީއެފްގެ އެއްބާރުލުން ބޭނުންވާކަމަށް ވިދާލުވިއެވެ..
މި ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރ ވިދާޅުވީ،ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެބޭފުޅުން އަބަދުވެސް މަސައްކަތްކުރަމުން އަންނަކަމަށެވެ. އަދި މިނިސްޓްރީއާ ގުޅިގެން އިތުރަށް މިކަން ހަރުދަނާކުރުމަށް މަސައްކަތްކުރައްވާނެކަމަށެވެ.
މި ބައްދަލުވުމުގައި ކުރިއަށް އޮތްތާގައި މި ދެ ދާއިރާގައި އިތުރަށް މަސައްކަތްކުރުމަށް އެއްބަސްވެ، ގަވާއިދުން ބައްދަލުވުންތައް ބޭއްވުމަށް ނިންމާފައިވެއެވެ.
ގުޅުންހުރި

މޯލްޑިވްސް ވިޒިޓަރ ސަރވޭ 2025 ގެ ދަށުން މައުލޫމާތު އެއްކުރުމުގެ މަސައްކަތް ފަށައިފި

ރާއްޖެއާއި ކޮރެއާ ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

އ.ދ. ގެ ފަތުރުވެރިކަމާ ބެހޭ ޖަމިއްޔާގެ 26 ވަނަ އާންމު ބައްދަލުވުމުގެ ނައިބު ރައީސްކަން ރާއްޖެއަށް!





