
މެންޗެސްޓަރ ޔުނއިޓެޑުން އެވަޓަން މޮޅުވިޔަނުދީ ހިފަހައްޓައިފި
# އިނގިރޭސި ޕްރިމިއާ ލީގު# އެވަޓަން# މެންޗެސްޓަރ ޔުނައިޓެޑް# ބޭރު ދުނިޔޭގެ ކުޅިވަރުމެންޗެސްޓާ ޔުނައިޓެޑާއި އެވަޓަން ވާދަކުރި މެޗުގެ ތެރެއިން...
އިނގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި އެވަޓަން އާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެއްޖެއެވެ.

ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި 1-0 ގެ ނަތީޖާއަކުން ޓޮޓެންހަމް އަތުން ބަލިވެފައިވާއިރު، އެވަޓަން އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-1 ގެ ނަތީޖާއަކުން ކްރިސްޓަލް ޕެލަސް ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މެންޗެސްޓަރ ޔުނައިޓެޑުންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އެވަޓަން އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ބެޓޯ އެވެ. މިއީ ލީގުގައި އެޓީމު އެންމެ ފަހުން ކުޅު ހަތަރު މެޗުގައި އޭނާ ކާމިޔާބުކުރި ފަސްވަނަ ލަނޑެވެ.
އެވަޓަން އިން ލީޑު ފުޅާކުރި ލަނޑު ފުަރަތަަމަ ހާފުގެ 33 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު އަބުދުލޭ ޑޮކޫރޭ އެވެ. އަދި މިލަނޑާއެކު ފުަރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އެވަޓަން ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 72 ވަނަ މިނެޓުގައި ކެޕްޓަން ބުރޫނޯ ފެނާންޑޭޒް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. އަދި ޔުނައިޓެޑުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފަހުހާފުގެ 80 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު މެނުއަލް އުގާޓޭ އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 26 މެޗުން އެވަޓަންއަށް 31 ޕޮއިންޓް ލިބިފައިވާއިރު، އެޓިމު މިވަގުތު އޮތީ ލީގު ތާވަލުގެ 14 ވަނައިގައެވެ. އަދި މިމެޗުން ލިބުނު އެއްޕޮއިންޓާއެކު ލީގުގައި ކުޅުނު 26 މެޗުން މެންޗެސްޓަރ ޔުނައިޓެޑަށް 30 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 15 ވަނައިގައެވެ.