logoEN
Sto top
އެސްޓަން ވިލާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރު

އެސްޓަން ވިލާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރު

ހަސަން ޝަމްއޫން

logo

2/19/2025, 10:34:14 PM

# ބޭރު ދުނިޔޭގެ ކުޅިވަރު# އިނގިރޭސި ޕްރިމިއާ ލީގު# ލިވަޕޫލް# އެސްޓަން ވިލާ

ލިވަޕޫލާއި އެސްޓަން ވިލާ ވާދަކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރެމިއާ ލީގުގައި ބުދަ ދުވަހުގެ ރޭ ރަށުން ބޭރުގައި ލިވަޕޫލުން އެސްޓަން ވިލާއި ދެކޮޅަށް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެ އެވެ.

Wamco

ލީގުގައި ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުގައި އެވަޓަން އާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، ލީގުގައި އެސްޓަންވިލާ އިން އެންމެ ފަހުން ކުޅުނު މެޗުގައި އިޕްސްވިޗް އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ލިވަޕޫލް އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ލިވަޕޫލުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް މުހައްމަދު ސަލާހް އެވެ.

އެސްޓަންވިލާ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި މިޑްފީލްޑަރު ޔޫރީ ޓިލަމަންސް ކާމިޔާބުކުރިއިރު، އެޓީމުން މެޗުގެ ލީޑު ހޯދި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ފޯވާޑް އޮލީ ވަޓްކިންސް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އެސްޓަންވިލާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފަހުހާފުގެ 61 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑުހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޓްރެންޑް އެލެގްޒެންޑަރ އާނޯލްޑް އެވެ. އަދި މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 26 މެޗުން ލިވަޕޫލަށް 61 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ދެވަނައިގައި އޮތް އާސެނަލްއަށް ވުރެ އިތުރަށް އެއްމެޗު ކުޅެ އަށް ޕޮއިންޓްގެ ލީޑަކާއެކު ލީގު ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ލިބުނު އެއްޕޮއިންޓާއެކު ލީގުގައި ކުޅުނު 26 މެޗުން އެސްޓަންވިލާއަށް 29 ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ނުވަ ވަނައިގައެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside