logoEN
Sto top
ރޯދަ މަހު ތަކެތީގެ އަގު ބޮޑުވިޔަ ނުދީ ހިފަހައްޓާނަން - ސައީދު

ރޯދަ މަހު ތަކެތީގެ އަގު ބޮޑުވިޔަ ނުދީ ހިފަހައްޓާނަން - ސައީދު

އަހުމަދު ޝުރާއު

logo

2/16/2025, 9:38:58 AM

# އެކޮނޮމިކް މިނިސްޓްރީ

--

ކުރިޔަށް އޮތް ރަމަޟާން މަހު ތަކެތީގެ އަގުތައް ބޮޑުވިޔަނުދީ ހިފެހެއްޓުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރާނެ ކަމަށް އިޤްތިޞާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

Wamco

މިނިސްޓަރު ސައީދު މިފަދައިން ވިދާޅުވީ އްޔިތުންގެ ސުވާލުތަކަށް ސީދާ ޖަވާބު ދެއްވުމަށް ސަރުކާރުން ކުރިއަށްގެންދަވާ "އަހާ" ސިލްސިލާގެ 4 ވަނަ ފޯރަމްގައި ރޭ ދެއްކެވި ވާހަކަފުޅުގައި އެވެ.

އެގޮތުން ސައީދު ވިދާޅުވީ މިދިޔަ އަހަރުގެ ރަމަޟާން މަހުވެސް ސަރުކާރުން ވަރަށް ރަނގަޅަށް ތަކެތީގެ އަގު މެނޭޖްކުރެއްވި ކަމަށާއި އެކަން ކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކަމަށް ޚާއްސަ ކޮމިޓީއެއް އުފައްދަވައި ކުރެއްވި މަސައްކަތްޕުޅުން ކަމަށެވެ. މިއާއިއެކު މިއަހަރުވެސް ރަމަޟާން މަހު އެގޮތަށް އަގުތައް މެނޭޖް ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ސައީދު ވިދާޅުވިއެވެ.

ރާއްޖޭގެ މާލީ ހާލަތާއި ގުޅޭގޮތުން ވޯލްޑް ބޭންކުން މިދިޔަ އަހަރު ނެރުނު ރިޕޯޓަކަށް ރިޢާޔަތް ކުރައްވައި ސަޢީދު ވިދާޅުވީ ރާއްޖޭގައި ތަކެތީގެ އަގު %7 ހުރަސް ކުރާނެ ކަމަށް އެ ބޭންކުން ލަފާ ކުރި ނަމަވެސް ސަރުކާރުން ދުރާލައި އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން މިހާރުވެސް %3 އަށްވުރެ ދަށުގައި އަގުތައް ހިފެހެއްޓިފައިވާ ކަމަށެވެ.

އެގޮތުން، އަގުތަކާ ގުޅިގެން ޚާއްސަ ސިޔާސަތެއް އެކުލަވާލައްވަން ރައީސުލްްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް އެންގެވި ކަމަށާއި އެ ސިޔާސަތު މިހާރު އެކުލަވާލާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

އެގޮތުން އަގުތައް ބޮޑުވިޔަ ނުދީ ހިފެހެއްޓުމަށް 183 މުދަލެއްގެ މައްޗަށް އެކުލެވިގެންވާ ލިސްޓެއް އެކުލަވާލާފައިވާ ކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ އޭގެ ތެރެއިން 54 ބާވަތް ރަމަަޟާން މަހަށް ޚާއްސަކޮށްގެން ކްރިޓިކަލް އައިޓަމްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ. މިއާއިއެކު ސަޢީދު ވިދާޅުވީ ރަމަޟާން މަހު އެއްވެސް އެއްޗެއްގެ އަގު ބޮޑުވާނަމަ ސަރުކާރުން އެކަމާ ގުޅިގެން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

"ފިޔާވެސް އެސްޓީއޯ މެދުވެރިކޮށް ޝިޕްމަންޓްތައް ގެންނަމުން އެދަނީ. އަގުހެޔޮ ކުރާނެ. އެއްތަނަކުން ނުލިބިއްޖެއްޔާ އެހެން ތަނަކުންވެސް ގެންނާނެ. މާނައަކީ އެއް ޤައުމުން ނުލިބިއްޖެއްޔާ އެހެން ޤައުމަކުންވެސް ގެންނާނެ، ކަނޑުމަގުން ނުގެނެވޭ ކަމަށްވަންޏާ އެއަރ ފްރައިޓްކޮށްވެސް އިރާދަކުރެއްވިއްޔާ ގެންނާނެ. އަޅުގަނޑުމެންގެ ޓާގެޓަކީ އެއްޗެއްގެ އަގު ބޮޑުވާ މައްސަލަ އައިއްސި ކަމަށްވަންޏާ އިމީޑިއެޓްލީ އެއަށް އެޓެންޑްވުން." ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ސައީދު ވަނީ ރޯދަ މަހާ ގުޅިގެން ތަކެތީގެ އަގު އުފުލުނަ ނުދިނުމަށް ވިޔަފާރިތަކުންވެސް މަސައްކަތްކުރުމަށް އިލްތިމާސްކޮށް މިކަމުގެ ސަބަބުން ވިޔަފާރިވެރިންނަށް ދަތިތަކާ ދިމާވާނަމަ އެކަން ސަރުކާރާ ހިއްސާކުރެއްވުމަށްވެސް އެދިވަޑައިގެންފައި އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside