
ރާއްޖޭގައި ސައުދީ އިންވެސްޓްމެންޓްތައް ފަހި ކުރުމަށް ސޮއިކުރި އެމްއޯޔޫއަށް އެގައުމުގެ ވަޒީރުންގެ މަޖިލީހުން ރުހުންދީފި
# އެކޮނޮމިކް މިނިސްޓްރީ--
ރާއްޖޭގައިސައުދީ އަރަބިއްޔާގެ އިންވެސްޓްމެންޓްތައް ފަހި ކުރުމަށް ސޮއިކުރި އެމްއޯޔޫއަށް ސައޫދީ ވަޒީރުންގެ މަޖިލީހުން ރުހުންދީފި އެވެ.

ރާއްޖެ އާއި ސައުދީއާ ދެމެދު ގުޅުން ބަދަހި ކުރުމަށްޓަކައި މި އެމްއޯޔޫގައި ސޮއިކޮށްފައިވަނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް މުޙައްމަދު ސައީދު ރިޔާދަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އެވެ. އަދި މި އެމްއޯޔޫ ގައި ރާއްޖޭގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ވެސް އެމަނިކުފާނެވެ. ސައުދީ އަރަބިއާގެ ފަރާތުން ސޮއި ކޮށްފައިވަނީ މިނިސްޓަރ އޮފް ކޮމަރސް އެންޑް ޖެނެރަލް އޮތޯރިޓީ އޮފް ފޮރިން ޓްރޭޑްގެ ބޯޑް ޗެއަރމަން ޑރ. މާޖިދު އިން ޢަބްދުﷲ އަލްގަބަސީއެވެ.
އިކޮނޮމިކް މިނިސްޓްރީން އޭރު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި ރާއްޖެއާއި ސައުދީ އަރަބިއާއާ ދެމެދު ސޮއި ކުރެވުނު މި އެމްއޯޔޫގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެ، ބޯޑަރ ހުރަސްކޮށް ކުރެވޭ ފޮރިން އިންވެސްޓްމަންޓުތައް އިތުރަށް ފުޅާ ކުރުމަށް ވެސް މަގުފަހިވެގެން ދާނެއެވެ. މީގެއިތުރުން ވިޔަފާރިއާއި ފަތުރުވެރިކަން އަދި އިމާރާތްކުރުންފަދަ މުހިންމު ދާއިރާތަކުން ދެ ޤައުމުގެ މެދުގައި އިތުރަށް ގުޅުން ބަދަހިވެގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
މިއަދު އެމިނިސްޓްރީން ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގެ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އާއި ސައުދީ އަރަބިއްޔާގެ ޖެނެރަލް އޮތޯރިޓީ ފޯ ފޮރިން ޓްރޭޑްއާ ދެމެދު ސޮއިކުރެވުނު އެމްއޯޔޫއަށް ސައޫދީ ވަޒީރުންގެ މަޖިލީހުން ރުހުން ދީފައިވާ ކަމަށެވެ.
އެގޮތުން ރައީސް ޑރ މުހައްމަދު މުއިއްޒާއި އެގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ އަމާޒަށް މި ޕާޓްނާޝިޕްގެ ސަބަބުން އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ވަނީ ބުނެފައި އެވެ.