
ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު އެވަޓަން އިން ލިވަޕޫލް މޮޅުވިޔަނުދީ ހިފަހައްޓައިފި
# ލިވަޕޫލް# އިނގިރޭސި ޕްރިމިއާ ލީގު# ބޭރު ދުނިޔޭގެ ކުޅިވަރު# އެވަޓަންލިވަޕޫލް އާއި އެވަޓަން ވާދަކުރި މެޗުގެ ތެރެއިން...
އިނިގިރޭސި ޕްރެމިއާ ލީގުގައި ބުދަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ލިވަޕޫލް އާއި ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކުރި ލަނޑާއެކު 2-2 ގެ ނަތީޖާއަކުން މެޗު އެއްވަރުކޮށް އެވަޓަން އިން ލިވަޕޫލް މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.

ލީގުގައި ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުގައި ބޯންމައުތު އަތުން މޮޅުވެފައިވާއިރު، އެވަޓަން އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 4-0 ގެ ނަތީޖާއަކުން ލެސްޓާ ސިޓީ ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެވަޓަން އިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުލުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އެވަޓަން އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ބެޓޯ އެވެ.
ނަމަވެސް އޭގެ ފަސް މިނެޓުފަހުން ލިވަޕޫލުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާއެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު އެލެކްސިސް މާކް އެލިސްޓާ އެވެ. މިއީ އެޓީމުގެ ފޯވާޑް މުހައްމަދު ސަލާހް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި އެވަޓަން އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރި، ނަމަވެސް މެޗުގެ 73 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ،ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ފުރަތަމަ ފަހަރަށް ލީޑުހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސަލާހް އެވެ. މިއީ ލީގުގައި އެންމެ ފަހުން ކުލުނު 24 މެޗުގައި އޭނާ ކާމިޔާބުކުރި 22 ވަނަ ލަނޑެވެ.
އެވަޓަން އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ އަށްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޖޭމްސް ޓާކޮވްސްކީ އެވެ. އަދި މެޗު ނިމުނު ފަހުން ދެޓީމުގެ ކުޅުންތެރިންގެ މެދުގައި ހިނގި ހަމަނުޖެހުމަކާއި ގުލިގެން ރެފްރީ ވަނީ ލިވަޕޫލްގެ ކާޓިސް ޖޯންސް އަދި އެވަޓަންގެ އަބްދޫލަޔޭ ޑޫކޫރޭ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑެއް ދެއްކުމުގެ އިތުރުން ލިވަޕޫލްގެ ކޯޗު އަރެން ސްލޮޓްއަށް ރަތްކާޑު ދައްކާފައެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 24 މެޗުން ލިވަޕޫލްއަށް 57 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ހަތް ޕޮއިންޓްގެ ލީޑަކާއެކު ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ހޯދި އެއް ޕޮއިންޓާއެކު 24 މެޗުން އެވަޓަންއަށް 27 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 15 ވަނައިގައެވެ.