ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫއުގެ 84 އިންސައްތަ މަސައްކަތް ނިމިއްޖެ
އަހުމަދު ޝުރާއު
2/12/2025, 4:11:00 PM
--
ކުޅުދުއްފުށީ ސިޓީގެ މަގު ހެދުމުގެ މަޝްރޫއުގެ ބޮޑު އިންސައްތައެއް ނިމިފައިވާކަން އެމަޝްރޫއުގެ ކޮންޓްރެކްޓަރު އާރްޑީސީން ބުނެފި އެވެ.
އާރްޑީސީން މިއަދު ވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން އާރްޑީސީން ބުނީ ކުޅުދުއްފުށި ސިޓީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން 8 މަގެއްގައި 84 މަގު ބައްތި ހަރުކޮށް މިހާރު ވަނީ ދިއްލާލެވިފައި ކަމަށެވެ.
އަދި މުޅި މަޝްރޫއުގެ ޖުމްލަ 84 އިންސައްތަ ވަނީ ނިމިފައިކަންވެސް ހާމަކޮށްފައި ވެއެވެ.
އާރްޑީސީއިން ބުނަގޮތުގައި މި މަޝްރޫޢުގެ ދަށުން ތަރައްޤީ ކުރަމުން އަންނަނީ 31 މަގެކެވެ. އެއީ ޖުމްލަ 7.25 ކިލޯ މީޓަރެވެ.
ކުޅުދުއްފުށި ސިޓީގެ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފެށީ 10 ޖޫން 2021 ގައެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 100,700,048.55 ރުފިޔާއެވެ.