
ޗެންޕިއަންޝިޕްގެ ފުލުގައި އޮތް ޕްލެމައުތް އަތުން ބަލިވެ ލިވަޕޫލް އެފްއޭ ކަޕުން ކަޓައިފި
# ލިވަޕޫލް# ބޭރު ދުނިޔޭގެ ކުޅިވަރު# އިނގިރޭސި އެފްއޭކަޕްލިވަޕޫލާއި ޕްލެމައުތް ޕެލަސް ވާދަކުރި މެޗުގެ ތެރެއިން
އިނގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި ހޮނިހިރު ދުވަހު ހަވީރު ރަށުން ބޭރުގައި 1-0 ގެ ނަތީޖައަކުން އިނގިރޭސި ޕްރެމިއާޝިޕްގެ ފުލުގައި އޮތް ޕްލެމައުތް އަތުން ބަލިވެ ލިވަޕޫލް މުބާރާތުން ކަޓައިފިއެވެ.

ޕްރެމިއާ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލުން އެފްއޭކަޕްގެ ހަތަރުވަނަ ބުރުން ޖާގަހޯދީ މުބާރާތުގެ ތިންވަނަ ބުރުގައި 4-0 ގެ ނަތީޖާއަކުން ހަތަރުވަނަ ޑިވިޝަންގެ އެކްރިންގްޓަން ބަލިކުރުމަށްފަހު އެވެ. އަދި ޕްލެމައުތުން ހަތަރުވަނަ ބުރުން ޖާގަހޯދީ މުބާރާތުގެ ތިންވަނަ ބުރުގައި1-0 ގެ ނަތީޖާއަކުން ޕްރެމިއާ ލީގުގެ ބްރެންޓްފޯޑް ބަލިކުރުމަށްފަހު އެވެ. އަދި މިދެޓީމު އެންމެ ފަހުން 2017 ވަނަ އަހަރު އެފްއޭކަޕްގެ ހަތަރުވަނަ ބުރުގައި ވާދަކުރި މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ލިވަޕޫލް އިންނެވެ.
ފުރަތަމަ އެގާރައިގައި ހިމެނޭ މުހިންމު ގިނަ ކުޅުންތެރިންތަކަކާއި ނުލައި ލިވަޕޫލުން ކުޅުނު މިމެޗުގެ ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ލިވަޕޫލުން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ޕްލެމައުތުން މެޗުގެ ލީޑުހޯދީ 53 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއެއްގައި ކާމިޔާބުކޮށްދިނީ ފޯވާޑް ރަޔާން ހާޑީ އެވެ. އަދި މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުތުސަތުތަކެއް ތަނަވަސްކޮށްފައެވެ.
ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ޕްލެމައުތް ކުރީގައި އޮވެގެންނެވެ.
އެއޭކަޕްގެ ހަތަރުވަނަ ބުރުގައި ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި އެސްޓަންވިލާ އިން ޓޮޓެންހަމް އާއި ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެސްޓަންވިލާ އިންނެވެ. މިމެޗުގައި ވިލާގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު މޯގަން ރޮޖާސް އަދި ޖަކޯބް ރަމްސީ އެވެ. އަދި ޓޮޓެންހަމްގެ ހަމައެކަނި ލަނޑު މެޗުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ މެތީސް ޓެލް އެވެ.