
ބްރައިޓަން އަތުން ބަލިވެ ޗެލްސީ އެފްއޭ ކަޕުން ކަޓައިފި
# ބްރައިޓަން # ބޭރު ދުނިޔޭގެ ކުޅިވަރު# އިގިރޭސި އެފްއޭ ކަޕް# ޗެލްސީޗެލްސީ އާއި ބްރައިޓަން ވާދަކުރި މެޗުގެ ތެރެއިން..
އިނގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި 2-1 ގެ ނަތީޖާއަކުން ބްރައިޓަން އަތުން ބަލިވެ ޗެލްސީ މުބާރާތުން ކަޓައިފިއެވެ.

މުބާރާތުގެ ހަތަރުވަނަ ބުރުން ބްރައިޓަން ޖާގަހޯދީ ތިންވަނަ ބުރުގައި 4-0 ގެ ނަތީޖާއަކުން ނޮވިޗް ބަލިކުރުމަށްފަހު އެވެ. އަދި ޗެލްސީ ހަތަރުވަނަ ބުރުން ޖާގަހޯދީ ތިންވަނަ ބުރުގައި 5-0 ގެ ނަތީޖާއަކުން ތިންވަނަ ޑިވިޝަންގެ މޯކެމްބް ބަލިކުރުމަށްފަހު އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޗެލްސީ އިންނެވެ. މިލަނޑަކީ މެޗު ފެށިގެން ފަސްވަނަ މިނެޓުގައި އެޓީމުގެ މިޑްފީލްޑަރު ކޯލް ޕާމާ ފޮނުވާލި ހަމަލާއެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ބްރައިޓަންގެ ކީޕަރު ބާޓް ވާބަރގަން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ނަމަވެސް އޭގެ ހަތް މިނެޓް ފަހުން ބްރައިޓަން އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ޖޯޖީނިއޯ ރުޓާ އެވެ. މިއީ އެޓީމުގެ ޑިފެންޑަރު ޖޯލް ވެލްޓުމަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ބްރައިޓަން އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ދެވަނަ ހާފުގެ 57 ވަނަ މިނެޓިގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް މިޓޯމާ އެވެ.
މީގެ އިތުރުން ވެސް މިހާފުގައި ބްރައިޓަން އިން ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރިއިރު. މިހާފުގައި ބްރައިޓަންގެ ގޯލާއި އަމާޒުކޮށް ޗެލްސީއަށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެެ.އަދި މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ބްރައިޓަން ކުރީގައި އޮވެގެންނެވެ.