ހަނިގޮތަކަށް ވުލްވްސް އަތުން މޮޅުވެ އާސެނަލް އިން ދެވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ނަގައިފި
ހަސަން ޝަމްއޫން
1/26/2025, 12:30:31 AM
އާސެނަލް އާއި ވުލްވްސް ވާދަކުރި މެޗުގެ ތެރެއިން..
އިނގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި ވުލްވްސް އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އާސެނަލް އިން ލީގު ތާވަލުގެ ދެވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު މެޗުގައި އެސްޓަންވިލާ ވާދަކޮށް 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، ލީގުގައި ވުލްވްސް އެންމެ ފަހުން ކުޅުނު މެޗުގައި 3-1 ނަތީޖާއަކުން ޗެލްސީ އަތުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-0 ގެ ނަތީޖައަކުން ކާމިޔާބުކުރި އާސެނަލް އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން އާސެނަލްގެ ކައި ހަވަޓްޒް އަދި ވުލްވްސް ޕައުލޯ ސަރާބިއާއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ވަނީ ނުކުރެވިފައެވެ.
މީގެ އިތުރުން މިމެޗުގައި އާސެނަލްއަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައި އެޓީމުގެ ޒުވާން މިޑްފީލްޑަރު މައިލްސް ލުވިސް-ސްކެލީ ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން މެޗު ރެފްރީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކައި ދަނޑު ފޮނުވާލުމުންނެވެ. އަދި މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި އާސެނަލް އިން އެއްކުޅުންތެރިއަކު މަދުވުމުގެ ފައިދާ ވުލްވްސްއަށް ނުނެގި އުޅެނިކޮށް ފަހުހާފުގެ 70 ވަނަ މިނެޓުގައި އެޓީމު ބްރެޒިލް މިޑްފީލްޑަރު ޖޮއާއު ގޮމޭޒް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ އެނާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ޖާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ. މިއާއެކު މެޗުގެ ބާކީބައި ދެޓީމުން ވެސް ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން އާސެނަލް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އިޓަލީ ޑިފެންޑަރު ރިކާޑޯ ކަލަފިއޮރީ އެވެ. މިއީ ވްލްވްސްގެ ޕެނަލްޓި އޭރިއާ ތެރެއިން ލިބުނު ފުރުސަތެއްގައި ތިރިތިރިން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި އާސެނަލް ކުޅުނު 23 މެޗުން ލިބުނު 47 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވާލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ވުލްވްސް އިން ލީގުގައި ކުޅުނު 23 މެޗުން ލިބުނު 16 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓިމު މިވަގުތު އޮތީ ލީގު ތާވަލުގެ 17 ވަނައިގައެވެ.