
އެމްޑަބްލިއުއެސްސީއިން ފައިނުގައި ޤާއިމްކުރި ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙްކޮށްފި
# އެމްޑަބްލިއުއެސްސީ--
އެމް.ޑަބްލިޔު.އެސް.ސީ އިން ރ.ފައިނު ގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި އިފްތިތާޙްކޮށްފިއެވެ.

ރ.ފައިނުގެ ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙް ކޮށްދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިރަސްމިއްޔާތުގައި މިކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުލް މަތީން މުޙައްމަދު އާއި ދައުލަތުގެ ވަޒީރުންނާއި، ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.
އެމްޑަބްލިއުއެސްސީއިން މިއަދު ބުނީ މިމަޝްރޫޢުގެ ދަށުން، ފައިނު ގައި، ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ ޤާއިމްކޮށް، ދުވާލަކު 20 ޓަނުގެ ފެން އުފެއްދޭ 2 އާރު.އޯ ޕްލާންޓް ބަހައްޓައި، ފެނާއި ނަރުދަމާ ހޮޅީގެ މައި ނެޓްވޯރކް އަޅައި، 130 ގެޔަށް ފެނާއި ނަރުދަމާ ކަނެކްޝަން ވަނީ ގުޅައިދީފައިވާ ކަމަށެވެ.
މީގެ އިތުރުން، 490 ޓަނުގެ އެއް ފެން ތާންގީއާއި، 175 ޓަނުގެ ފެން ރައްކާކުރެވޭ 2 ފެން ތާންގީ ވަނީ ބެހެއްޓިފައިވާއިރު ނަރުދަމާގެ އިދާރީ ބިލްޑިންގ އާއި 3 ޕަންޕް ސްޓޭޝަން ޤާއިމްކޮށް، ސީ އައުޓްފޯލް އާއި ރިޖެކްޓް ލައިންވެސް ވަނީ އަޅާފައެވެ. އަދި ހަމަ މިއާއި އެކު، ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނާއި ނަރުދަމާ ނިޒާމް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް ފޯރުކޮށްދިނުން މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.
ރ.ފައިނުގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިފައިވަނީ 01 މާރިޗު 2021 އެވެ. އަދި މި މަސައްކަތް ނިންމައި ކޮމިޝަން ކުރެވިފައިވަނީ 02 މާރިޗު 2024 އެވެ.
މި މަޝްރޫޢަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫޢުއެކެވެ. މިމަޝްރޫޢުގެ ޖުމްލަ އަގަކީ 64،240،752.74 މިލިއަން ދިވެހި ރުފިޔާއެވެ. މިމަޝްރޫޢުގެ ސަބަބުން ފައިނުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެއެވެ.
ގުޅުންހުރި

އެމްޑަބްލިއުއެސްސީއިން ފައިނުގައި ޤާއިމްކުރި ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙްކޮށްފި

އާރުޑީސީއާއި އެމްޑަބްލިއުއެސްސީގެ އެހީތެރިކަމާއި އެކު މާލޭގެ ސްޓޯރމް ވޯޓަރ ނެޓްވޯރކް ސާފުކުރަނީ

އެމްޑަބްލިއުއެސްސީއިން 400 މިލިއަން ރުފިޔާގެ ބޮންޑެއް ވިއްކަނީ
