
މެޗުގެ އެންމެ ފަހުވަގުތު ފިޔޯރީ ރޮއްވާލުމަށްފަހު ގައްދޫ ސެމީފައިނަލުން ޖާގަހޯދައިފި
# ދިވެހި ކުޅިވަރު # ގޯލްޑަން ފުޓްސަލް ޗެލެންޖް# ގދ.ގައްދޫ# ގދ.ފިޔޯރީގައްދޫ އަދި ފިޔޯރީ ވާދަކުރި މެޗުގެ ތެރެއިން...
މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖް 2025، އަތޮޅު ބުރުގެ ގދ. އަތޮޅު ގުރޫޕް ބީގައި ފިޔޯރީ އާއި ގައްދޫ ވާދަކުރި މެޗުގެ އެންމެފަހު ސިކުންތުކޮޅުގެ ތެރޭގައި ކާމިޔާބުކުރި ލަނޑާއެކު 1-1 ގެ ނަތީޖާއަކުން މެޗު އެއްވަރުކޮށް ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ގައްދޫ އިން މުބާރާތުގެ ސެމީފައިނަލުން ޖާގައެއް ކަށަވަރުކޮށްފިއެވެ.

މުބާރާތުގައި ފިޔޯރީ ކުޅުނު ފުރަތަމަ މެޗުގައި އެންމެ ފަހުގެ އަތޮޅު ޗެންޕިއަން ވާދޫ އަތުން 11-1 ގެ ތަފާތުބޮޑު ނަތީޖާއަކުން އެޓީމު ބަލިވެފައިވާއިރު، ގައްދޫގެ ފުރަތަމަ މެޗުގައި ވާދޫ ފުޓްސަލް ޓީމާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ގައްދޫ އިން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި ގައްދޫގެ ހަމަލާތައް ދިފާއުކުރުމުގައި ފިޔޯރީ އިން ވަނީ ރޭވުންތެރިކަމާއެކު މޮޅު ޑިފެންސިވް ކުޅުމެއް ދައްކަދީފައެވެ. އަދި މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ގައްދޫ އިން މެޗު ޑޮމިނޭޓް ކުރި ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ފިޔޯރީ އިންނެވެ. މިލަނޑު ފަހުހާފުގެ 39 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަބްދުﷲ މަހީލް މުއްތަލިބު އެވެ.
ނަމަވެސް ޖެހިގެންއައި މިނެޓުގައި ގައްދޫ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަންނު އަބްދުއްﷲ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއްކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގައްދޫ ޓީމުގެ ކެޕްޓަން އަހުމަދު ރިފްޝާން އެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ލިބުނު ދެޕޮއިންޓާއެކު ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ގައްދޫ ސެމިފައިނަލުން ޖާގަހޯދިއިރު، މިމެޗުން ބަލިވި ފިޔޯރީ އިން މުބާރާތް ނިންމާލީ ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ލިބުނު އެއްޕޮއިންޓާއެކު ގުރޫޕްގެ ފުލުގައި އޮވެއެވެ.
މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖް އަތޮޅު ބުރުގައި ގދ.އަތޮޅުން ހަ ޓީމެއް ވާދަކުރަމުން އަންނައިރު، މިއަތޮޅުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި ހަ ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީއަށް ހޮވޭއިރު، އަތޮޅުބުރުގެ ފައިނަލުގައި ވާދަކުރާ ދެޓީމަށް މުބާރާތުގެ ޒޯން ބުރުން ފުރުސަތު ލިބިގެންދާނެ އެެވެ.