ފަރެސްމާތޮޑާ ކަޓުވާލުމަށްފަހު ތިނަދޫ ސެމީފައިނަލަށް
ހަސަން ޝަމްއޫން
1/19/2025, 7:00:00 PM
ތިނަދޫ އަދި ފަރެސްމާތޮޑާ ވާދަކުރި މެޗުގެ ތެރެއިން...
މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖް 2025، އަތޮޅު ބުރުގެ ގދ. އަތޮޅު ގުރޫޕް އޭގައި ތިނަދޫ އާއި ފަރެސްމާތޮޑާ ވާދަކުރި 4-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ތިނަދޫ ސެމީފައިނަލުން ޖާގައެއް ކަށަވަރުކޮށްފިއެވެ.
މުބާރާތުގައި ތިނަދޫ ކުޅުނު ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން މަޑަވެލި އަތުން ބަލިވެފައިވާއިރު، ފަރަސްމާތޮޑާގެ ފުރަތަމަ މެޗުގައި އެޓީމުވެސް މަޑަވެލި އަތުން ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ތިނަދޫ އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ތިނަދޫ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ފަރަސްމާތޮޑާ އިން އެޓީމު ކުޅުން ރަނގަޅުކޮށް ދެލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ތިނަދޫ އިން ވަނީ އިތުރު އެއްލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ތިނަދޫގެ އިބްރާހިމް މުހައްމަދު އަދި އިބްރާހިމް އަހުމަދު މިއިން ކޮންމެ ކުޅުންތެރިއަކު ދެލަނޑު ކާމިޔާބުކުރިއިރު، ފަރަސްމާތޮޑާގެ ސައްފާހު ހަސަން އަދި ޝައިސުއްﷲ އަޝްރަފް މިއިން ކޮންމެ ކުޅުންތެރިއަކު މިމެޗުގައި ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތިނަދޫގެ އިބްރާހިމް އަހުމަދު އެވެ.
މިނަތީޖާއެކު ކުޅުނު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ލިބުނު ތިން ޕޮއިންޓާއެކު ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ތިނަދޫ ސެމީފައިނަލުން ޖާގަ ހޯދިއިރު، މިމެޗުން ބަލިވި ފަރެސްމާތޮޑާ އިން މުބާރާތް ނިންމާލީ ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި ގުރޫޕްގެ ފުލުގައި އޮވެއެވެ.
މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖް އަތޮޅު ބުރުގައި ގދ.އަތޮޅުން ހަ ޓީމެއް ވާދަކުރަމުން އަންނައިރު، މިއަތޮޅުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި ހަ ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީއަށް ހޮވޭއިރު، އަތޮޅުބުރުގެ ފައިނަލުގައި ވާދަކުރާ ދެޓީމަށް މުބާރާތުގެ ޒޯން ބުރުން ފުރުސަތު ލިބިގެންދާނެ އެެވެ.