މުއާދުގެ ހެޓްރިކާއެކު ފަރެސްމާތޮޑާ ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި މަޑަވެލި ސެމީއަށް
ހަސަން ޝަމްއޫން
1/16/2025, 12:55:01 PM
މަޑަވެލި ކުޅުންތެރިން ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ
މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖް 2025، އަތޮޅު ބުރުގެ ގދ. އަތޮޅު ގުރޫޕް އޭގައި ފަރެސްމާތޮޑާއި މަޑަވެލި ކުޅުނު މެޗު، ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި މަޑަވެލި މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މުބާރާތުގައި މަޑަވެލި ކުޅުނު ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 2-3 ގެ ނަތީޖާއަކުން ތިނަދޫ އަތުން މޮޅުވެފައިވާއިރު، މިއީ މިއަހަރުގެ މުބާރާތުގައި ފަރަސްމާތޮޑާ ޓީމު ކުޅުނު ފުރަތަމަ މެޗެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން މަޑަވެލި ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ ފަރެސްމާތޮޑާ އިންނެވެ. ނަތީޖާއެއްގެ ގޮތުން ގާތްގާތުގައި ދެލަނޑު ކާމިޔާބުކޮށް އެޓީމުން މެޗުގެ ލީޑުވެސް ހޯދިއެވެ. ނަމަވެސް މިމުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންއަންނަ މަޑަވެލިން ވަނީ ފަހަތުން އަރައި އިތުރު ދެލަނޑު ކާމިޔާބުކޮށް 3-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި މަޑަވެލި ޓީމުގެ މުހައްމަދު މުއާދު ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު، މިމެޗުގައި ފަރެސްމާތޮޑާގެ އަލީ ޝަހުމް އަދި އަދި އިބްރާހިމް ނަޒީމް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަޑަވެލި ޓީމުގެ މުހައްމަދު މުއާދު އެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި މަޑަވެލި ސެމީފައިނަލްގެ ޖާގައެއް ކަށްވަރުކުރިއިރު، މިގުރޫޕުގައި ހިމެނޭ އަނެއް ދެޓީމުކަމަށްވާ ތިނަދޫ އަދި ފަރަސްމާތޮޑާއަށް އަދި ޕޮއިންޓެއް ނުލިބެއެވެ. އަދި މިގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީގެ ދެވަނަ ޖާގަ ލިބިގެންދަނޫ ގުރޫޕް އޭގެ ފަހު މެޗުގައި ތިނަދޫ އަދި ފަރެސްމާތޮޑާ ވާދަކުރާ މެޗުން މޮޅުވާ ޓީމަކަށެވެ.
މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖް އަތޮޅު ބުރުގައި ގދ.އަތޮޅުން ހަ ޓީމެއް ވާދަކުރަމުން އަންނައިރު، މިއަތޮޅުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި ހަ ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީއަށް ހޮވޭއިރު، އަތޮޅުބުރުގެ ފައިނަލުގައި ވާދަކުރާ ދެޓީމަށް މުބާރާތުގެ ޒޯން ބުރުން ފުރުސަތު ލިބިގެންދާނެ އެެވެ.