ގަތުލުއާންމު ހުއްޓާލަން އެއްބަސްވި ފަހުންވެސް ވަރުގަދަ ހަމަލާތަކެއް: ޣައްޒާއިން 81 މީހަކު ޝަހީދުކޮށްލައިފި
އަހުމަދު ޝުރާއު
1/16/2025, 12:03:08 PM
ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ގަތުލުއާންމު ހުއްޓާލަން އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް އިސްރާއީލުންވެސް އިއުލާނުކުރި ފަހުންވެސް ބޮޑެތި ހަމަލާތަކެއްދީ ގިނަ ބަޔަކު ޝަހީދުކޮށްލައިފި އެވެ.
އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 81 މީހުން ޝަހީދުވެ 188 މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ މައުލޫމާތު ދީފައި އެވެ.
މިއާއެކު ޣައްޒާގައި ހަނގުރާމައިގައި ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ޖުމުލަ އަދަދު 46،788 އަށް އަރާފައިވާއިރު، 110،453 މީހުން ޒަޚަމްވެފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ޣައްޒާގެ މިނިވަންކަމަށް ހަނގުރާމަކުރަމުން އަންނަ ހަމާސް ޖަމާއަތާއި ނިރުބަވެރި އިޒްރޭލާއި ދެމެދެ ފެށި ހަނގުރާމަ ހުއްޓާލަން ދެ ފަރާތުން އެއްބަސްވެފައިވާކަން ހާމަކުރީ ރޭގެ ވަގުތެއްގައި އެވެ. އެގޮތުން މިސްރާއީ ގަތަރު އިސްވެ އޮވެ ކުރިޔަށް ގެންދިޔަ މުހިންމު މަޝްވަރާތަކުގައި ހަމާސްއާއި އިޒްރޭލުން އެއްބަސްވެފައިވަނީ ތިން މަރުހަލާ ހިމެނޭ އެއްބަސްވުމަކަށެވެ.
މި މަޝްވަރާތަކާ ބެހޭ ގޮތުން މައުލޫމާތު ދިން އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް ނިއުސް އެޖެންސީން ބުނާގޮތުގައި ފުރަތަމަ ހަ ހަފުތާގެ މަރުހަލާއެއްގައި އިސްރާއީލު ސިފައިން މަޑުމަޑުން ޣައްޒާގެ މެދުތެރެއިން ފޭބުމަށް ނިންމާފައިވާއިރު، ޣައްޒާގެ އުތުރުގެ ރައްޔިތުންނަށް އެނބުރި އެމީހުންގެ އަވަށްތަކަށް ގޮސް ވަޒަންވެރިވުމުގެ ފުރުސަތު ދޭނެ އެވެ.
ހަމާސް އިން އެ ހަ ހަފުތާގެ ތެރޭގައި އިސްރާއީލުގެ 33 މީހަކު ދޫކޮށްލާނެ ކަމަށާއި އޭގެ ތެރޭގައި ހުރިހާ އަންހެން ސިފައިންނާއި އާންމުންނާއި ކުޑަކުދިންނާއި 50 އަހަރުން މަތީގެ ފިރިހެނުން ވެސް ހިމެނޭ ކަމަށް ރޮއިޓާސް އިން ބުނެއެވެ. ހަމާސްއިން ދޫކޮށްލާ ކޮންމެ އަސީރަކަށް ފަލަސްތީނުގެ 30 ގައިދީން އަދި އިސްރާއީލު ސިފައިންގެ ކޮންމެ މީހަކަށް ފަލަސްތީނުގެ 50 ގައިދީން ދޫކޮށްލާނެ އެވެ.
ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ފުރަތަމަ ފިޔަވަހީގެ 16 ވަނަ ދުވަހުގެ ކުރިން ފަށާނެ ކަމަށާއި އޭގެ ތެރޭގައި ބާކީ ތިބި އަސީރުން ދޫކޮށްލުމާއި ޣައްޒާއިން އިސްރާއީލު ސިފައިން މުޅިން ފޭބުން ހިމެނޭ ކަމަށް ބެލެވެ އެވެ.
ތިން ވަނަ ފިޔަވަހީގައި މަރުވެފައިވާ މީހުންގެ ހަށިތައް އަނބުރާ ގެނައުމާއި ޣައްޒާގައި އަލުން އާރާސްތު ކުރުމުގެ މަސައްކަތް ފެށުން ހިމެނޭ ކަމަށް ބެލެވޭ ކަމަށް ރޮއިޓާސް އިން ބުންޏެވެ.