ޓްރާންސްފޯމަރު ވަގު ހަމަލާދިން ސްޓެލްކޯގެ މުވައްޒަފަށް "މެޑަލް އޮފް ބްރޭވަރީ" ދީފި
އަހުމަދު ޝުރާއު
1/15/2025, 12:47:33 PM
--
ހުޅުމާލޭ ފޭސް 2 ގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަން އުޅުނު ވަގު އަތުލައިގަންނަށް މަސައްކަތްކުރަނިކޮށް އަނިޔާލިބުނު ސްޓެލްކޯގެ މުވައްޒަފުގެ އަގު ވަޒަންކޮށްފި އެވެ.
ހުޅުމާލޭގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ އޭގެން ވައްކަން ކުރަން އުޅުނު މީހާ އަތުލައިގަތުމަށް ސްޓެލްކޯގެ މުވައްޒަފުން ކުރި މަސައްކަތުގެ ތެރެއިން ވަގު ވަނީ އެތަނަށް އެޓެންޑްވި ސްޓެލްކޯގެ މުވައްޒަފުގެ ގައިގައި ރެންޗަކުން ޖަހާ މާރާމާރީ ހިންގާފައި އެވެ. މާރާމާރީ ހިންގުމުގެ ސަބަބުން އެމުވައްޒަފުގެ މޫނަށް އަނިޔާވެސް ވެފައި ވެއެވެ. އަދި ޓްރާންސްފޯމަރަށް ގެއްލުންދިނުމާއި ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެމްޕީއެލް ޓަވަރުތަކުން ވަނީ ކަރަންޓުގެ ހިދުމަތްވެސް ވަނީ މެދުކެނޑިފައި އެވެ.
ސްޓެލްކޯއިން މިއަދު ބުނީ ރޭގެ ވަގުތެއްގައި ޓްރާންސްފޯމަރަކުން ވައްކަންކުރަން އުޅުނު ބަޔަކު ހުއްޓުވުމަށް މަސައްކަތްކަތްކުރި މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން އެއް މުވައްޒަފަކަށް ސްޓެލްކޯގެ 'މެޑަލް އޮފް ބްރޭވަރީ' އަރުވާފައިވާ ކަމަށެވެ. އެއީ ވައްކަން ކުރި މީހާ ހަމަލާދިން މުވައްޒަފަށެވެ.
މީގެ އިތުރުންވެސް އެކަމުގައި ދެން ހަރަކާތްތެރިވި މުވައްޒަފަށް ވަނީ އެކަމުގެ ހަނދާނީ ލިއުމެއް އަރުވާފައި ކަމަށް ސްޓެލްކޯއިން ބުނެއެވެ.
އެކުންފުނިން ބުނީ އެ މުވައްޒަފުންގެ އަގުވަޒަންކޮށްފައި މިވަނީ ހިރާހާއި ނުރައްކަލުގެ ވަގުތުގައި ދައްކުވައިދިން ހިތްވަރާއި ކެރުންތެރިކަން ފާހަގަކުރުމުގެ ގޮތުން ކަމަށާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސްޓެލްކޯއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.
އަދި މިފަދަ ހާދިސާތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން ވަރަށް ޙައްސާސް މައްސަލަތަކެއްގެ ގޮތުގައި ބަލައި، ފިޔަވަޅުއަޅަމުން ދާނެކަމުގެ ޔަޤީންކަން ވެސް ވަނީ އަރުވާފައި އެވެ.