ޓްރާންސްފޯމަރަކަށް ގެއްލުންދީ އޭގެން ވައްކަން ކުރަން މީހަކު ސްޓެލްކޯގެ މުވައްޒަފަކަށް ހަމަލާދީފި
އަހުމަދު ޝުރާއު
1/14/2025, 5:05:14 PM
--
ސްޓެލްކޯގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ އޭގެން ވައްކަން ކުރަން މީހަކު އަތުލައިގަންނަށް އުޅުމުން ސްޓެލްކޯގެ މުވައްޒަފަކަށް ހަމަލާދީފި އެވެ.
ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލޭގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ އޭގެން ވައްކަން ކުރަން އުޅުނު މީހަކު އެ ކުންފުނީގެ މުވައްޒަފުން އަތުލައިގަނެފައިވާ ކަމަށެވެ.
އަދި މި މީހާ ވަނީ އެތަނަށް އެޓެންޑްވި މުވައްޒަފުގެ ގައިގައި ރެންޗަކުން ޖަހާ މާރާމާރީ ހިންގާފައިކަންވެސް ފޮޓޯއަކާއި އެކު އެކްސްގައި ކުރެއްވި ޕޯސްޓުގައި ފަހުމީ ވިދާޅުވިއެވެ.
ފަހުމީ އިތުރަށް ވިދާޅުވީ ޓްރާންސްފޯމަރަށް ގެއްލުންދިނުމާއި ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެމްޕީއެލް ޓަވަރުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިި ކަމަށާއި ވީ އެންމެ އަވަހަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށެވެ.
އަދި ޓްރާންސްފޯމަރަށް ގެއްލުންދީ މާރާމާރީ ހިންގި މީހާ މިހާރު ފުލުހުންނާއި ހަވާލު ކޮށްފައިވާ ކަމަށް ފަހުމީ ވިދާޅުވިއެވެ.