ލިވަޕޫލް އަތުން ހޯދި ޕޮއިންޓާއެކު ފޮރެސްޓް ލީގު ތާވަލުގެ ދެވަނައަށް
ހަސަން ޝަމްއޫން
1/15/2025, 12:15:00 AM
ލިވަޕޫލާއި ފޮރެސްޓް ވާދަކުރި މެޗުގެ ތެރެއިން
އިގިރޭސި ޕްރެމިއާ ލީގުގައި އަންގާރަ ދުވަހުގެ ރޭ ރަށުން ބޭރުގައި ނޮޓިންހަމް ފޮރެސްޓާއި ދެކޮޅަށް ލިވަޕޫލުން ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެ, ލިބުނު ޕޮއިންޓާއެކު ފޮރެސްޓުން ލީގު ތާވަލުގެ ދެވަނައަށް ކުރިއަށްޖެހިލައިފިއެެވެ.
ލީގުގައި ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުގައި 1-0 ގެ ނަތީޖާއަކުން ޓޮޓެންހަމް އަތުން ބަލިވެފައިވާއިރު، ފޮރެސްޓް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-0 ގެ ނަތީޖާއަކުން ލޫޓަން ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފޮރެސްޓުން ނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ލިވަޕޫލުން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ފޮރެސްޓުން ނެވެ. މިލަނޑު ފުރަތަމަ ހާފުގެ އަށްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ކްރިސް ވުޑް އެވެ. މިއީ އެޓީމުގެ ފޯވާޑް އެންތަނީ އެލަންގާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މީގެ އިތުރުން މިހާފުގައި ލިވަޕޫލުން ފޮނުވާލި އެއްވެސް ހަމަލާއެއް ފޮރެސްޓްގެ ގޯލާއި އަމާޒުވެފައިނުވާއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ފޮރެސްޓް ކުރީގައި އޮވެގެނެވެ.
މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 66 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނިކުތް ޕޯޗުގަލް ފޯވާޑް ޑިއޭގޯ ޖޯޓާ އެވެ.
މީގެ އިތުރުން ވެސް މިހާފުގައި ލިވަޕޫލުން ވަނީ ފޮރެސްޓްގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 20 މެޗުން ލިވަޕޫލަށް 47 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ހަ ޕޮއިންޓްގެ ލީޑަކާއެކު ލީގު ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ލިބުނު އެއްޕޮއިންޓާއެކު ލީގުގައި ކުޅުނު 21 މެޗުން ފޮރެސްޓަށް 41 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ.