ވިއްސާރާގައި ލިބޭ ގެއްލުން ކުޑަކުރުމަށް އެހީވުމަށް ސްޓެލްކޯއިން ވެސް ޓާސްކްފޯސްއެއް!
އަހުމަދު ޝުރާއު
1/13/2025, 1:07:52 PM
--
ކުރިޔަށް އޮތް 5 ދުވަހު ރާއްޖެއަށް މޫސުން ގޯސްޥާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ނެރުނު އިންޒާރާއި އެކު ދިމާވެދާނެ ކާރިސާއަކަށް އިޖާބަ ދިނުމަށް ސްޓެލްކޯއިން ޚާއްސަ ޓާސްކްފޯސްއެއް އުފައްދައިފި އެވެ.
އެކުންފުނިން މިއަދު ބުނީ މިއަދުން ފެށިގެން 18 ޖަނަވަރީ 2025 ގެ ނިޔަލަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ އިދާރާއިން ނެރެފައިވާ ބަޔާނާއި ގުޅިގެން، ފެންބޮޑުވުން ކޮންޓްރޯލްކުރުމަށް ދުރާލައި ފިޔަވަޅުއެޅުމަށް ނިންމައި، ސްޓެލްކޯގެ މެނޭޖްމަންޓްއިން ޚާއްސަ ޓާސްކްފޯހެއް އެކުލަވާލާފައިވާ ކަމަށެވެ.
އެގޮތުން މި ޙާލަތުގައި އެންމެ އިސްކަމެއް ދެވިގެންދާނީ ސްޓެލްކޯއިން ޚިދުމަތްދޭ ރަށްރަށުގައި ހުރި ސްޓެލްކޯގެ ކްރިޓިކަލް އިންފްރާސްޓްރަކްޗަރ ރައްކާތެރި ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށާއި، ރައްޔިތުންނަށް ދެމުންގެންދާ ޔުޓިލިޓީ ޚިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ކަމަށް އެކުންފުނިން ބުނެއެވެ.
އަދި ހަމަ މިއާއިއެކު އެހެން ފަހަރުތަކެކޭވެސް އެއްގޮތަށް، ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ރައްޔިތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސްޓެލްކޯއިން ޚިދުމަތްދޭ ހުރިހާ ރަށެއްގައިވެސް ސްޓެލްކޯގެ މުވައްޒަފުން ތިބޭނީ ތައްޔާރަށް ކަމަށްވެސް ވަނީ ބުނެފައި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން އިއްޔެ ނެރުނު މޫސުމީ ބަޔާނެއްގައި ބުނީ ރާއްޖޭގެ އިރުން ހުޅަނގުދެކުނު ބޭ އޮފް ބެންގާލްގައި ކޮޅިގަނޑެއް އުފެދިފައިވާ ކަމަށާއި މި ކޮޅިގަނޑު ހުޅަނގަށް ޖެހި ރާއްޖޭގެ ސަރަހައްދުގައި ބޯ ވިއްސާރަވިލާ އުފެދުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިއާއިއެކު މިއަދުން ފެށިގެން އަންނަ ހޮނިހިރުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި މި ވިއްސާރައިގައި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
އޭގެ އިތުރުން އާންމުވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭ ކަމަށާއި ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް އެއިދާރާއިން ވަނީ ލަފާކޮށްފައެވެ.