
--
މިހާރު ހިނގަމުންމިދާ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ސަލާން ޖަހަން މަޖުބޫރުކޮށްފައިވާކަމަށް އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ވިދާޅުވެއްޖެ އެވެ.

މިއަދު އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވަނީ ސަރުކާރަށާއި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި އެވެ. އެގޮތުން އެމްޑީޕީ ސަރުކާރުގައި ގެނެސްފައިވާ ނިޒާމުތަކުގެ ފައިދާ މިއަދު ރައްޔިތުންނަށް ނުކުރާކަމަށާއި މި ސަރުކާރުން ރައްޔިތުންނަަށް ބޭނުންވާ އަސާސީ ހިދުމަތްތައް ހޯދުމަށް ވެރީންގެ ކިބައިން ސަލާން ޖަހަން މަޖުބޫރުކޮށްފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އިގްތިސޯދު ހީނަރުވެ ތަކެތީގެ އަގުތައްވެސް އުފެލުމުންދާކަން ޝާހިދު ފާހަގަކުރެއްވި އެވެ.
އަދި މި ސަރުކާރުން ހުރިހާ ކަމެއްގައިވެސް ހަދަނީ ދޮގު ކަމަށާއި އޭގެ ތެރޭގައި އިންޑިއާ އައުޓްގެ ވާހަކައާއި , ޗާގޯސްގެ ވާހަކައިގެ އިތުރުން ފްލެޓުގެ ވާހަކައިގައިވެސް ސަރުކާރުން ރައްޔިތުން އޮޅުވާލައި ދޮގު ހަދަމުންދާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ ދާދި ފަހުން މަޖިލީހުގެ ތެރެއިން ގާނުނޫ އަސާސީއަށް ގެނައި އިސްލާހު ތަކާއި އެކު މި ސަރުކާރުގައި ރައްޔިިތުންގެ މަޖިލީހުގެ މެމްބަރުންވެސް ތިބީ ތަޅު އެޅުވިފައި ކަމަށެވެ. އެގޮތުން ރައްޔިތުންގެ ބަސް އިއްވުމަށް މަޖިލީހަށް ރައްޔިތުން އިންތިހާބުކުރި މެމްބަރުން ކޮންޓްރޯލް ކުރަނީ ރައީސް މުއިއްޒު ކަމަށް ޝާހިދު ސިފަކުރެއްވި އެވެ.
ސަރުކާރުގެ މިސްރާބު ގޯސްކަން ފާހަގަކުރައްވައި ޝާހިދުވި ވިދާޅުވީ މިމަހުގެ 31 ވަނަ ދުވަހު އެމްޑީޕީން ބާއްވާ ބޮޑު ހިނގާލުމަކީ ސަރުކާރު ޖަވާބުދާރީ ކުރުމަށް އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން ކުރާ މަސައްކަތެއް ކަމަށާއި ހިނގާލުމުގައި ބައިވެރިވުމަށް ހުރިހާ ރައްޔިތުންނަށްވެސް ދައުވަތު ދެއްވާ ކަމަށެވެ.
ފުދިއްޖެ, ފުނޑިއްޖެ ނަމުގައި އެމްޑީޕީން ބާއްވާ ޚާއްސަ ހިނގާލުން އޮންނާނީ މިމަހުގެ 31 ވަނަ ދުވަހު މާލޭގައި އެވެ. އެގޮތުން މި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ އާޓިފިޝަލް ބީޗު ސަރަހައްދުންނެވެ.
ގުޅުންހުރި

އެމްޑީޕީ މުޒާހަރާއިން ހައްޔަރުކުރި މީހުން ބަނޑުހައިހޫނުކަމުގެ ހަޅުތާލުގައި!

އެމްޑީޕީން އަންނަ މަހުގެ 17 ގައިވެސް މުޒާހަރާއަށް ނުކުންނަނީ
ފުލުހުން ކުރީ ދޮގު ތުހުމަތުތަކެއް، ހުކުރު ދުވަހުގެ ހަރަކާތަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއް - އެމްޑީޕީ





